މިއަދުގެ އަޑުއެހުމަށް ފަހު ގާސިމް ކޯޓުން ނެރެގެން ގެންދަނީ: އިޖްރާއީ މައްސަލަތަކެއް ފާހަގަ ކުރިޔަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި -- މިހާރު ފޮޓޯ/ ހުސައިން ވަހީދު
23 އެޕްރީލް 2017 - 14:05
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްސަަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ވާހަކަ ދެއްކެވި ކަމަށާއި އެކަމަކު މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ އެއްވެސް އަމަލެއް ގާސިމް ކުރައްވާފައި ނުވާ ކަމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ގާސިމްގެ ފަރާތުން ޖަވާބުދާރީވަމުން އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން އެންމެ ފުރަތަމަ ވިދާޅުވީ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށާއި ރިޝްވަތު ދޭން އުޅުމުގެ އެއްވެސް އަމަލެއް ގާސިމް ކުރައްވާފައި ނުވާ ކަމަށެވެ.
ހިސާން އެހެން ވިދާޅުވުމުން ފަނޑިޔާރުންނާއި ދައުލަތުން ވަނީ، އިންކާރު ކުރަނީ ކޮން ސަބަބަކާ ހެދިތޯ އާއި އިންކާރު ކުރަނީ ކޮން ކަމަކަށްތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ހިސާން ވިދާޅުވީ ދައުވާ ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އިތުރަށް ޖަވާބުދާރީ ވެވޭނީ ދައުލަތުން ހެކި ހުށަހެޅުމުން ކަމަށެވެ.
އެހެން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުވާގައި ބުނާ ދުވަހު ޖަލްސާގައި ގާސިމް ވާހަކަ ދެއްކެވިތޯ އާއި ނުފޫޒު ފޯރުވުމުގެ އިބާރާތް ކަމަށް ބުނެ ދައުވާގައި ބުނާ އިބާރާތް ގާސިމް ވިދާޅުވިތޯ އައްސަވައިފަ އެވެ. ޖަވާބުގައި ހިސާން ވިދާޅުވީ އެ ޖަލްސާގައި ވާހަކަ ދެއްކެވި ކަމަށް ގާސިމް އިންކާރު ނުކުރައްވާ ކަމަށާއި އެކަމަކު ދައުވާގައި ބުނާ އިބާރާތް ގާސިމް ވިދާޅުވިކަން އެނގޭނީ އޭގެ ރެކޯޑިން ބެލުމަށް ފަހު ކަމަށެވެ.
އެކަމާ ގުޅޭގޮތުން ގާސިމަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އޭނާގެ ފަރާތުން ވާހަކަ ދައްކަވާނީ ވަކީލުން ކަމަށާއި މައްސަލައާ ގުޅިގެން އޭނާ އެއްޗެއް ވިދާޅުވާން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.
ޝަރީއަތަށް ފަހު ގާސިމް ދޫނިދުއަށް ގެންދަން ލޯންޗުގައި --މިހާރު ފޮޓޯ/ ހުސައިން ވަހީދު
ޖަލްސާގެ ވީޑިއޯ ރެކޯޑިން ބެލުމަށް ފުރުސަތު ދިނުމަށް ގާސިމްގެ ވަކީލުން އެދިވަޑައިތުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފުރުސަތު ދީފަ އެވެ. އެ ދުވަހު ރަނގަޅަށް ތައްޔާރުވެގެން ވަޑައިގަތުމަށް، އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވާ ބެންޗުން ދެ ފަރާތަށް ވެސް އެންގެވި އެވެ.
ގާސިމްގެ ވަކީލުން ވަނީ އިޖްރާއީ މައްސަލަތަކެއް ނަންގަވައި، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ދިފާއީ ވަކީލުން ނެންގެވީ ބައެއް ލިޔުންތައް ނުލިބޭ ކަމަށް ބުނެ، އެ މައްސަލަ އެވެ. ބައެއް ބަޔާންތަކާއި ގާސިމް ދެއްކެވި ވާހަކަތަކުގެ ރެކޯޑިން ނުލިބޭ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ.
ދައުލަތުން ބުނީ އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއް ސިއްރު ކުރަން އެދިފައިނުވާނެ ކަމަށެވެ. އެހެންވެ، އެ ތަކެތި ދިފާއީ ވަކީލުންނަށް ދިނަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދެވަނަ މައްސަލައަކަށް ގާސިމްގެ ވަކީލުން ނެންގެވީ އެއް ކުށަކަށް ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލާފައި އޮތް ކަމަށް ބުނެ އެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެއް ކަމަކަށް ދައުވާ ކުރުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމެއް ކަމަށް ގާސިމްގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.
އޭގެ ރައްދުގައި، ދައުލަތުން ބުނީ ގާނޫނުއަސާސީގައި ބުނަނީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދެވޭނެ ވާހަކަ ކަމަށާއި އެކަމަކު އެގޮތަށް ދައުވާ ކުރުމުގެ ފުރުސަތު ގާނޫނުލްއުގޫބާތުގެ ދަށުން ލިބިދޭ ކަމަށެވެ. އަދި އެކަންކަމަށް ރިއާޔަތް ކުރުމަކީ ކުށް ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ މަރުހަލާގައި އޮންނަ ކަމެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ނުކުތާއާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ނުކުތާއާ ބެހޭގޮތުން ދިފާއީ ވަކީލުން އިތުރަށް ވާހަކަ ދައްކަން އުޅުނު ނަމަވެސް އެ ފުރުސަތު ފަނޑިޔާރުން ނުދެއްވި އެވެ.
އެ މައްސަލާގެ ޝަރީއަތް ހިނގަމުން ދަނިކޮށް އެހެން މައްސަލައެއްގައި ގާސިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. މިފަހަރު ހައްޔަރުކުރީ މަސީހުގެ އިތުބާރު ނެތް ކަމަށް ދެވަނަ ފަހަރަށް ހުށަހަޅަން އުޅޭ މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިންސެސް
24 April 2017
"އަދީބު ބައްސަވަނީ އަޅުގަނޑުގެ ލާރި"...މިހެން މީހަކު ބުނިއަޑުއެހީމުތަ؟
ފިފްޓީފިފްޓީ
23 April 2017
ގާސިމް ވީމަ އެއްވެސް ކުށެއް ނުކުރައްވާ! ކުށް ކުރާނީ ނިކަމެތިން އެކަނި....
ކޮރި ބޯށި
23 April 2017
ރާއްޖޭގެ ސަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ޖޫޑީސަލް ސާރވިސް ކޮމިސަން އިސްލާހު ކުރެވިގެން. ޖުޑީސަލް ސާރވިސް ކޮމިސަންގެ މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ ބަޔަކަށް ހަދަން އެބަޖެހޭ.
އެމްބީބީއެސް
23 April 2017
ނާޒިމް ސޯގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 11 އަހަރަށް ޖަލަށް ލުމުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ، އޭގެފަހުން ކްރިމިނަލް ކޯޓަށް ގާބިލުވެ ޝަރުތު ފުރިހަމަވެ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އިއްޒަތްތެރި ފަނޑިޔާރު މަނިކުފާނުވެސް އިސްގާޒީއާއިއެކު ތި ބެންޗުގައި ހިމެނުމުން، ގާސިމްގެ ޝަރީއަތް ދާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއިއެކުކަން ޔަގީން ކުރެވިއްޖެ. ޝުކުރިއްޔާ
ނަޔާލު
23 April 2017
ތިކަމުގަ ކިތަންމެ ވާހަކައެއް ގާސިމް ވަކީލުން ދެއްކިއަސް އާހިރުގައި ތިނިމޭނީ ތި ދައުވާވެސް ގާސިމް ސާބިތުނިކޮށްދެވިގެން، މިހާރު ކަންތައް ހިގާގޮތުން ދައުވާކުރާ ފަރާތުގެ ކަމެއްނޫން ދައުވާ ސާބިތުކޮށްދިނުމަކީ، އެއީ ދައުވާ ލިބޭ މީހާގެކަމެއް، އެކަމަކު ގާނޫނީ ޝަރުއީ ހަމައަކީ ދައުވާ ކުރާ ފަރާތުން އެދައުވާއެއް ސާބިތުކޮށްދިނުން،
ހަމްދު
23 April 2017
ކުށަކީ ރިޝްވަތު ދިނުން ދޭން އުޅުން، މިކަން ސާބިތުކޮށްދީބަލަ ދައުލަތުން ކާކަށްތޯދިނީ، ކާކަށްތޯ ދޭން އުޅުނީ، އެމީހާ ހެކިބަސްދިންތޯ، މިކަން ނުކޮށް ޕޯޑިއަމްގަ ދައްކާ ވާހަކައަކުން ރިޝްވަތު ދެވޭތަ،
ހައްލު
23 April 2017
ފަނޑިޔާރުންނާއި ދައުލަތުން ވަނީ، އިންކާރު ކުރަނީ ކޮން ސަބަބަކާ ހެދިތޯ އާއި އިންކާރު ކުރަނީ ކޮން ކަމަކަށްތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. ؟؟؟!!!! އިންކާރު ކުރަނީ ރިޝްވަތު ހުށަހެޅުމުގެ އެއްވެސް އަމަލެއް ކުރިކަމަށެވެ. ވޯޓަށް ނުފޫޒު ފޯރުވުމެވެ. މަސީހާ ދެކޮޅަށް ވޯޓް ދޭ މެމްބަރުންނަށް އަންނަ ދައުރުގައި ޓިކެޓް ދިނުމަށް ޖޭޕީގެ ކައުންސިލުން ނިންމާފައިވާ ނިންމުން ހާމަ ކުރުމަކީ ރިސްވަތެއް ނޫނެވެ. ގާނޫނު ހުއްދަކުރާ ކަމެއް ކުރުމަށް ގާނޫނު ހުއްދަކުރާ ކަމެއް ކޮށްދިނުަމަކީ ކުށެއް ނޫނެވެ. ރިސްވަތެއްވެސް ނޫނެވެ. މިއީކީ އޮޅުން އަރާވަރުގެ ކަމެއް ނޫނެވެ.
ނަމާ
23 April 2017
އަޅެ ކާކަށްހޭ ދިނީ، ދިން މީހަކާ ދިންގޮތެއްވެސް އޮންނަންވާނެއްނު، ދައްކާ ވަހަކައަކުން ރިޝްވަތު ދެވޭތަ
ޖަމީ
23 April 2017
ތިޔަގޮތަށް ހުށަހެޅިދާނެ 50 ކަންތައްތައްވެސް، މިއިން އެގެނީ ޕީޖީގެ ފެންވަރާ އިންޓަގްރިޓީ