މުސާރަ ނުހިނގާ ގޮތަށް މާފުށީ ކައުންސިލްގެ ރައީސް ދެ މަހަށް ސަސްޕެންޑްކޮށްފި

ކ. މާފުށިން ސަތޭކައެއްހާ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމި މައްސަލާގައި މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ދެ މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އިއްޔެ ނިންމައިފި އެވެ.


އެލްޖީއޭ އިން ކައުންސިލަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ރަށުން ބިން ދޫކުރަން ނިންމާފައި ވަނީ ބިމާ ބެހޭ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގާފައި އޮއްވާ ކަމަށާއި އަދި ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ބިން ދޫނުކުރުމަށް ވެސް އަންގާފައި ވަނިކޮށް ކަމަށެވެ.

އެކަމަކު މުސްތަފާ އިސްކޮށް ހުންނަވައިގެން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ކައުންސިލް ދެ މެމްބަރަކު ހުށަހެޅުއްވުމުން އެ މައްސަލަ އެޖެންޑާ ކުރައްވައި ބަހުސަށް ހުޅުވާލުމަށް ފަހު ވޯޓަށް އަހާފައިވާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އަންނަ އާދިއްތަ ދުވަހުން ފެށިގެން މުސްތަފާގެ މުސާރަ އާއި އިނާޔަތް ނުހިނގާ ގޮތަށް 60 ދުވަސް ވަންދެން ސަސްޕެންޑް ކުރުމަށް ނިންމީ ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވާ ފޮނުވި ލިޔުމުގައި ވެއެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް މަޖުދާ އިބްރާހިމް މިއަދު ވިދާޅުވީ އެލްޖީއޭގެ ނިންމުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.

"ރަސްމީ ހައިސިއްޔަތަކުން އަދި އެއްވެސް ލިޔުމެއް ނުލިބޭ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމަކު ކައުންސިލުން ބިން ދޫކުރަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ބިން ވިއްކުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަންގާފައިވަނިކޮށް ކަމަށް މަޖުދާ ވެސް ވިދާޅުވި އެވެ.