ޒައިދާ ދެކޮޅަށް ސިއްރު ދެ ހެކިން ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ޝަރީއަތުގައި ޒައިދާ ދެކޮޅަށް ސިއްރު ދެ ހެއްކަކު ދައުލަތުން ރޭ ހުށަހަޅައިފި އެވެ.


ފަނޑިޔާރު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ތިން ދައުވާއެއް އުފުލާފައިވާ ޒައިދުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ރޭ ބޭއްވި ޝަރީއަތުގައި އޭނާއާ ދެކޮޅަށް ސިއްރު ދެ ހެއްކަކު ދައުލަތުން ހުށަހެޅި ކަމަށް ޒައިދުގެ ވަކީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވިޔަސް އޭގެ ތަފްސީލެއް ނުލިބެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޒައިދު ބަންދުގައި ބަހައްޓާފައި ހުރި ޖަލުގެ ބައެއް އިންތިޒާމްތައް ރަނގަޅު ކުރަން ޒައިދުގެ ވަކީލް ރޭ ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. މާލޭ ޖަލުގައި ޒައިދު ބަހައްޓާފައިވާ ހަތް ފޫޓު 10 ފޫޓްގެ ގޮޅީގައި ޒައިދާ އެކު ހަތް މީހުން ތިބޭތީ އާއި އޭގެ ތެރޭގައި ހުކުމް ތަންފީޒުކުރާ މީހުން ވެސް ހިމެނޭ މައްސަލަ ވަކީލު ވަނީ ނަންގަވައިފަ އެވެ. އަދި މާފުށީ ޖަލަށް ޒައިދު ބަދަލުކުރަން އުޅޭތީ އެކަން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ގޮޅީގައި ފާހާނާއެއް ނެތުމުން ކޮންމެ ފަހަރަކު ފާޚާނާ އަށް ދާން ޑިއުޓީ އޮފިސަރުންނަށް ގޮވަން ޖެހޭ މައްސަލަ އާއި އެހެން ގައިދީން ބޭނުންކުރާ ތަށިން ޒައިދު ކާން ޖެހޭ ކަމަށާއި ކަސްރަތު ކުރުމަށް އެއް ގަޑިއިރަށް ގޮޅިން ނެރެން ގާނޫނު ލާޒިމް ކުރިޔަސް އެކަން ނުކުރާ ކަމުގެ ޝަކުވާ އޭނާގެ ފަަރާތުން ވަކީލްކުރެއްވި އެވެ.

ޒައިދަށް ކުރަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.

ޒައިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ތާއީދުކުރައްވާ މެމްބަރެކެވެ.