ޔާމީން މަރައިލިޔަސް ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ފުލުހުން ބުނި: ވަކީލު

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޔާމީން ރަޝީދު މަރާލުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް އޭނާގެ ބައްޕަ ހުސަން ރަޝީދާ ދިމާލަށް ފުލުހުން އިއްޔެ ބުނެފައިވާ ކަމަށް، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.


ޔާމީންގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާ ވެސް އަވަހަށް ތަހުގީގު ކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް އިއްޔެ ހުށަހެޅި 800 ސިޓީ ބަލައި ނުގަނެ، އަނބުރާ ވަނީ ފޮނުވާލައިފަ އެވެ. އަދި އެ ސިޓީތަކާ ހަވާލުވާން ޔާމީންގެ ބައްޕަ ދިޔުމުން ފުލުހުން އޭނާއާ މުހާތަބުކޮށްފައިވަނީ ވަރަށް ހުތުރުކޮށް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެ ސިޓީތަކާ ހަވާލުވާން ފުލުސް އޮފީހަށް ހާޒިރުކޮށްފައި (ނަން ކަނޑާލާފައި) ވިދާޅުވި، (ޔާމީން މަރާލުމަކީ) ދިވެހި ރައްޔިތުން އެހާ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަކަށް ތިމަންނަމެން ނުދެކެމޭ. އެހެންވެސް އޭނާ ވިދާޅުވީ މަލާމާތުގެ ގޮތަކަށް ހެވިފައި ހުރެގެން،" ޔާމީންގެ ބައްޕައާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވި އެވެ.

"މިއީ ވަރަށް ބިރުވެރި، ރައްޔިތުން ކަންބޮޑުވާން ޖެހޭ ވާހަކައެއް ކަމަށް އަޅުގަނޑުމެން ދެކެނީ،"

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ހުށަހެޅި ސިޓީތައް ހިފައިގެން، އޭނާގެ ބައްޕަ ފުލުސް އޮފީސް ބޭރުގައި މަޑުކޮށްލައިގެން: އެ ސިޓީތައް ވަނީ ބޭރުކޮށްލާފައި-- މިހާރު ފޮޓޯ

ކުރީގެ ބަންޑާރަ ނައިބު، ސުއޫދު ވަނީ އެހެން ބުނި ފުލުސް މީހާގެ ނަން ވެސް އާއްމުކޮށްފަ އެވެ. އެކަމަކު އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މީހާގެ ނަމެއް ހާމައެއް ނުކުރެވެ އެވެ.

ސުއޫދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާ ބޮޑު ގަތުލެއް ހިނގީމައި ދިވެހިން ނޫނީ ކަންބޮޑުވާނެ ބަޔަކު ނުތިބޭނެ ކަމަށާއި އެހެންވެ، ފުލުހުންގެ މި އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އަމަން އަމާންކަން ބަލަހައްޓާ އެ ފަރާތުގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލަ މިނިވަން ކަމާ އެކު ވީހާ ވެސް އަވަހަކަށް ތަހުގީގު ކުރުމަށް އެދި ހުށަހެޅި އެ ސިޓީތައް ބަލައިނުގަނެ ފުލުހުން ބުނެފައިވަނީ ކޮންމެ ސިޓީއެއް ވެސް ހުށަހަޅަން ޖެހޭނީ އެ މީހަކު އަމިއްލަ އަށް ކަމަށާއި އެތައް ބައެއްގެ ސިޓީ އެ ގޮތަށް އެކަކަށް ހުށަނޭޅޭނެ ކަމަށެވެ.

ފުލުހުން ފަހުން ބުނެފައިވަނީ ރަސްމީ އިދާރާތަކަށް ސިޓީ ހުށަހަޅަން ޖެހޭ ހަމަތަކަކާއި އުސޫލްތަކެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެއާ ހިލާފަށް، ހިނގަމުންދާ ކަންތައްތަކެއްގެ "މޯޓިވް" ބަދަލުވާނެހެން ކަންކަން ކުރުމަކީ އެ މުއައްސަސާ އިން ހިތާމަކުރާ ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

ސުއޫދު ވިދާޅުވީ މައްސަލައިގެ ފޯކަސް ނުވަތަ މޯޓިވް ބަދަލު ކުރަން ޔާމީންގެ އާއިލާ އިން ވެސް ބޭނުން ނުވާ ކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކާ އެކު މިނިވަން ތަހުގީގަކަށް ގޮވައިލީ، ޔާމީނަށް ތަކުރާރުކޮށް ދެމުން ދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން ކުރިން އަޅާނުލުމުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިތުބާރު ކުޑަވެފައިވާތީ ކަަމަށެވެ.

ޔާމީންގެ ބައްޕަ ނޫސްވެރިނާ ވާހަކަ ދައްކަނީ: ދަރިފުޅުގެ މަރުގެ މައްސަލަ މީހުން ހަނދާން ނެތެން ބޭނުން ނުވާ ކަމަށް ބުނި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ރަޝީދު ބުނީ މި މައްސަލަ އެހެން ދިމާލަކަށް އަނބުރާލަން ބޭނުން ނޫން ކަމަށާއި މައްސަލަ އޮބި، ހަނދާން ނެތެން ވެސް ބޭނުން ނުވާ ކަމަށެވެ.

ޔާމީން މަރައިލީ އޭނާ ފުލުހުންގެ ހިމާޔަތަށް އެތައް ފަހަރަކު އެދުމުން ވެސް އެކަމާ އަޅާނުލައި އޮއްވައި ކަމަށް ވާތީ، އެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ޔާމީންގެ ގާނޫނީ ޓީމުން ވަނީ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކު ހިމާޔަތަކަށް އެދިއްޖެ ނަމަ، އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެންވެ، ފުލުހުން އެ މީހުންގެ ވާޖިބާ ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން، 29، މަރާލިކަމުގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި އިރު، ދެ ވަނަ މީހާ ހައްޔަރު ކުރީ އިއްޔެ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ