ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ޖަގަހައެއް ހަދާނެ ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން މާލޭގައި ޖަގަހައެއް ހަދާނެ ބިމެއް ހޯދާއިރު، މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު، އެ ކޯލިޝަނުން ވަނީ އެމްޑީއޭގެ ޖަގަހައިގައި ސިލްސިލާ ޖަލްސާތަކެއް ބާއްވަން ފަށައިފަ އެވެ. ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ޖަގަހައިގައި މި މަހުގެ 10 އިން ފެށިގެން ބުރާސްފަތި އަދި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ.
އެމްޑީއޭގެ ޖަގަހައިގެ ބަދަލުގައި ޕީޕީއެމްގެ ކޯލިޝަންގެ ޖަލްސާތައް ބާއްވާނެ އާ ޖަގަހައެއް ހަދާ ސަބަބެއް ޕީޕީއެމުން ނުބުނެ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް "މިހާރު" އަށް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މާލޭގައި ޖަގަހަ އެއް ހެދުމަށް ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޖަގަހަ ހެދުމަށް ބިމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
ޚަލީލް ވިދާޅުވީ އެމްޑީއޭގެ ޖަގަހައިގައި ބާއްވަމުން އައި ޖަލްސާތައް މެދުކަނޑާލީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
"މިރޭ އަނެއްކާ ވެސް އެމްޑީއޭ ޖަގަހައިގައި ޖަލްސާތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީއޭ ޖަގަހައިގައި ޕީޕީއެމް ކޯލިޝަނުން ޖަލްސާތައް ބާއްވާއިރު، އިދިކޮޅު ފަރާތްތައް ގުޅިގެން މ. ކުނޫޒުގައި ވެސް އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ.