ރޯދަ އިނާޔަތް ނުދީގެން 43 މީހަކު މައްސަލަ ހުށަހަޅައިފި

މި އަހަރުގެ ރޯދަ މަސް ފެށުނު އިރު ވެސް ރޯދަ އިނާޔަތް ނުލިބިގެން 43 މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.


ވަޒީފާގެ ގާނޫނުގައި ބުނާގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ ދޭން ޖެހެ އެވެ.

ލޭބާ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ރޯދަ އިނާޔަތް ނުލިބިގެން 43 މީހަކު މައްސަލަ ހުށަހެޅި އިރު، އެކަމާ ގުޅޭގޮތުން 97 މީހަކު މައުލޫމާތު ސާފު ކުރި ކަމަށެވެ. އެއީ މާލޭންނާއި ރަށްރަށުންނާއި ރިސޯޓުތަކުންނެވެ.

ރޯދަ އިނާޔަތް ނުލިބޭ މީހުންގެ ޝަކުވާތައް މިހާރު ބަލަން ފަށާފައިވާއިރު ރޯދަ މަސް ނިމުމުން، އެކަން ހިނގާފައިވާ ގޮތް އިތުރަށް ބަލާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންނަށް ހައްގުވާ ރޯދަ އިނާޔަތް ނުދިން ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން، އިނާޔަތް ދިނުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

"އިނާޔަތް ނުލިބިގެން މައްސަލަ ޖެއްސި ފަރާތްތަކުގެ މުސާރަ ޝީޓުތައް ބަލައި، ނުދީ ހުރި ސަބަބު އަޅުގަނޑުމެން ބަލާނަން. އެއަށް ފަހު އިތުރު ފިޔަވަޅެއް އަޅާނީ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފުރުސަތުގައި ވެސް އިނާޔަތް ނުދޭ ނަމަ 5000-50،000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ރޯދަ މަހު އެލަވަންސް ދިނުމާ ގުޅޭގޮތުން ލޭބާ އޮތޯރިޓީން ވަނީ އާއްމުން ހޭލުންތެރި ކުރުވުމަށް ސޯޝަަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ނާފިޒު ވިދާޅުވީ މި ކެމްޕޭނުގެ ސަބަބުން ވެސް، އިނާޔަތް ލިބުނު މީހުންގެ އަދަދު ގިނަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000ރ. ދިނުމަކީ ލާޒިމް ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ގާނޫނުގައިވެ އެވެ. ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން އެ އިނާޔަތް މުވައްޒަފުންނަށް ދޭންޖެހޭނެ އެވެ.