އަދީބުގެ ފިސްތޯލައިގެ މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފި އެވެ.


އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ވަނީ 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ލޯންޗްކޮޅުގައި ގޮއްވި މައްސަލައިގެ ހުކުމް ވެސް މި ހަފުތާގައި އިސްތިއުނާފަށް ހުށަހަޅުއްވާނެ އެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި ގޮއްވި މައްސަލައިގެ ހުކުމް އަދީބުގެ މައްޗަށް އައިސްފައިވާއިރު، އެމްއެމްޕީއާރުސީގެ ފައިސާ އަށް ހިޔާނާތްވި ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލާގައި އަދި ހުކުމެއް ނުކުރެ އެވެ.