ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ދެ މަސައްކަތެއް ހިންގަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


އެންވަޔަރްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވަނީ ގއ. ނިލަންދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ތަރައްގީކުރުމާއި ގއ. އަދި ގދ. އަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ހޯދައި އެ އެއްޗެހި ފޮނުވައިދިނުމަށެވެ.

ނިލަންދޫ ކުނި މަރުކަޒު ތަރައްގީކުރަން ހަވާލުކުރީ ނޫމަސް ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ކުންފުނީގެ މެނޭޖަރު އަހުމަދު ދީދީ ވަނީ ސޮއިކުރައްވައިފަ އެވެ. މިއީ 401،291.94ރ. ގެ މަސައްކަތެވެ. މަސައްކަތް ނިންމަން ހަމަޖައްސާފައިވަނީ 40 ދުވަހުގެ ތެރޭގަ އެެވެ.

ނިއޯމެޑް މޯލްޑިވްސް ކުންފުންޏާ ހަވާލުކުރީ ހުވަދުއަތޮޅުގެ 10 ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކެވެ. އެގޮތުން އެ ރަށްރަށަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ޑެލިވާކޮށްދިނުން މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެ 10 ރަށުގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގއ. ގެމަނަފުށީ، ގދ. މަޑަވެލި، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ގައްދޫ، ގދ. ފިޔޯރީ އަދި ގދ. ވާދޫ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ނިއޯމެޑްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ރަޝީދެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 6،998،173ރ. އެވެ. މަސައްކަތް ނިންމަން ހަވާލުކުރީ 140 ދުވަހުގެ ތެރޭގަ އެެވެ.