އެމެރިކާގެ ސަފީރު އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވައިފި

އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް، އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސަރުކާރުން ކުރިމަތިކުރާ ފިއްތުންތައް ސަފީރާ ހިއްސާކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ.

އެމެރިކާގެ ސަފީރު އިއްޔެ ވަނީ ރައީސް އަބްދުﷲ ޔާމީންއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، ޑިމޮކްރަސީ އާއި ހަަމަޖެހުން އޮތް ގައުމަކަށް ރާއްޖެ ހެދުމަށް އެމެރިކާ އިން އަބަދުވެސް ބޭނުންވާ ކަން ހާމަކުރައްވާފައިވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމެރިކާ ސަފީރު އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ޖުމްހޫރީ ޕާޓީ

ސިޔާސީ ބޭފުޅުންނާއެކު ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރޯދަވީއްލުމުގައި ވާހަކަ ދައްކަވަމުން ކެޝަޕް ވިދާޅުވީ ރާއްޖެ އަކީ ޑިމޮކްރަސީގެ މާހައުލަކާ އެކު އަމާން ސުލްހަ މަސަލަސްކަން އޮތް ގައުމެއްގެ ގޮތުގައި މުސްތަގުބަލުގައި ވެސް އޮންނަން ބޭނުންވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުވެފައި އޮންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޝަޕް ވިދާޅުވި ގޮތުގައި އެމެރިކާ އިން ރާއްޖެ އަށް މެދުކެނޑުމެއް ނެތި އެހީތެރިވެވޭތީ ފަހުރުވެރިވެ އެވެ. އެ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެހެނިހެން މިނިވަންކަން ހޯދައި ދިނުމަށް އެކިއެކި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވި އެވެ.