ސުމޭދު ހޯދުން އަދިވެސް ހުއްޓައެއް ނުލަން: ޕޮލިސް

މި މަހުގެ ހަތަރުވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، އައްޑޫ ގަން ކަނޑަށް ވެއްޓި ގެއްލުނު ހިތަދޫ މުހައްމަދު ސުމޭދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ސުމޭދު ހޯދުމުގައި ފުލުހުންނާ އެކު އެމްއެންޑީއެފުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ޑައިވްކޮށްގެންނާއި ކޯސްޓްގެ ގާޑްގެ އުޅަނދުފަހަރު ބޭނުންކޮށްގެން މިހާތަނަށްކޮށްފައިވެ އެވެ.

"މަސައްކަތް ހުއްޓާ ނުލައި ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި މި ހާދިސާގެ ތަހުގީގު ވެސް ކުރިއަށް އެބަދޭ،" އިތުރު ތަފުސީލެއް ނުދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިތަދޫ އާބިން، ސުމޭދު 27، ގެއްލުނުތާ ތިން ހަފުތާއެއްހާ ދުވަސްވެގެންދާ އިރު، އޭނާގެ ޚަބަރެއް މިހާތަނަކަށް ނުވެ އެވެ. އެކަމަކު ސުމޭދު ހޯދަމުން ދަނިކޮށް މި މަހުގެ ފަސްވަނަ ދުވަހު ސުމޭދުގެ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފޯން ފެނުނީ ސުމޭދު ކަނޑަށް ވެއްޓުނު ސަރަހައްދާ ދިމާލުގައި އޮތް ފަޅު ރަށް މަޑިހެރަ ކައިރިންނެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ސުމޭދު މަހަށް ދިޔައީ ފޭދޫގެ ދެ ރައްޓެއްސަކާ އެކުގަ އެވެ. އެއީ ފޭދޫ ފަހާގޭ ހުސައިން ސައީދާއި ފޭދޫ ބެންހާގޭ އިބްރާހީމް ނާއިފް އެވެ.

މަހަށް ދިޔަ ޑިންގީ "ބަންޑުން ޖަހާލި" ކަމަށް ބުނާ ހާދިސާގައި އެ ދެ މީހުން ވަނީ ސަލާމަތްވެފަ އެވެ. ސައީދު ބުނި ގޮތުގައި 17 ފޫޓުގެ ޑިންގީ ބަންޑުން ޖަހާލީ އެއަށް ނެގި ބޮޑު ރާޅަކާ އެކުގަ އެވެ.

މި ހާދިސާގައި އެ މީހުން ކަނޑުވުމުން، ސައީދާއި ނާއިފް ސަލާމަތްވީ ފަތާފައި ގޮސް، ޝަންގްރިއްލާ ވިލިގިލި ރިސޯޓް ކައިރީ އޮތް ފަޅު ރަށަށް އަރައިގެންނެވެ. އަދި ފަހުން އެ ދެ މީހުން ވަނީ ޝަންގްރިއްލާ އަށް ގޮސްފަ އެވެ.

ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގައި ހުރި ތަކެއްޗާ އެކު ފެނިފައިވާތީ ސުމޫދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ވަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށް ބުނެފަ އެވެ. މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސުމޭދު ގެއްލިފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.