ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެެމްބަރު ރިިޔާޒު ރަޝީދުގެ އަތުން ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދައުވާކޮށްފި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން، ސަރުކާރަށް ނޭނގި އިނގިރޭސި ވިލާތަށް ވަޑައިގެންފައިވާ ނާޒިމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ނާޒިމްގެ އަމިއްލަ ގެ މ. ނިޔަދުރުގެ ދެ އެޕާޓްމެންޓެއް ރިޔާޒު ކުއްޔަށް ހިފައިގެން އުޅުމަށް ފަހު އެތަނުގެ ކުއްލި ދައްކާފައިނުވާ ކަމަށް ބުނެއެވެ.
އެތަނުގެ ކުލީގެ ގޮތުގައި ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ރިޔާޒު އަތުން ހޯދަން ނާޒިމްގެ ދައުވާގައި އެދިފައިވެ އެވެ.
ރިޔާޒުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު އަތުން 35،000 ޑޮލަރު ހޯދަން ވެސް ނާޒިމް ވަނީ ސިވިލް ކޯޓުގައި ކުރިން ދައުވާކޮށްފަ އެވެ.
ނާޒިމް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރިކަން ސާބިތުވުމުންނެވެ.