މިނިސްޓަރު ޒެނީޝާ އީދު ފާހަގަކުރެއްވީ ކުޑަކުދިންނާއެކު ސިނަމާގައި

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު، ފިޔަވަތީގައި އުޅޭ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު، ސިނަމާގައި ފިލްމު ބެއްލެވުމުގައި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ފިތުރު އީދު ދުވަސް ހޭދަކުރައްވައިފި އެވެ.


ޖެންޑާ މިނިސްޓްރީން ބުނީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ބައެއް ކުދިންނާ އެކު މިނިސްޓަރު ޒެނީޝާ އީދު ދުވަސް އިއްޔެ ހޭދަކުރެއްވީ ޝްވެކް ސިނަމާގައި ކުޑަކުދިންނަށް ޚާއްސަ ފިލްމެއް ބެއްލެވުމުގައި ކަމަށެވެ. އުމުރުން 5-10 އަހަރުގެ ކުދިންނާ އެކު މިނިސްޓަރު ބެއްލެވީ ކުޑަކުދިންގެ ކާޓޫން ފިލްމު "ކާޒް 3" ގެ ޚާއްސަ ޝޯއެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ފިޔަވަތީގައި އުޅޭ ބައެއް ކުދިންނާ އެކު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝްވެކް ސިނަމާ އަށް ވަޑައިގަންނަވަނީ.---ފޮޓޯ: ޖެންޑާ މިނިސްޓްރީ

މި ކާޓޫން ފިލްމު ބެލުމުގައި ފިޔަވަތީގައި އުޅޭ 71 ކުއްޖަކާއި އެތަނުގައި އެ ކުދިން ބަލަހައްޓާ މުވައްޒަފުންނާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ކުޑަކުދިންގެ ކާޓޫން ފިލްމް އެތީނާ ސިނަމާގައި ބަލައިލުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ދިނުމުގެ އިތުރުން، ފިތުރު އީދާ ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ ހޮޓް އެއާ ބެލޫން ފެސްޓިވަލާއި ކަނިފިނޮޅުން ރާވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއްގައި ވެސް އެ ކުދިން ބައިވެރި ކުރަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ވެސް މި އީދުތެރޭގައި ހިންގަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިޔަވަތީގައި އުޅޭ ބައެއް ކުދިންނާ އެކު ޖެންޑާ މިނިސްޓަރު ޒެނީޝާ ކާޓޫން ފިލްމެއް ބެއްލެވުމުގައި އީދު ދުވަސް ޝްވެކް ސިނަމާގައި ހޭދަކުރައްވަނީ.---ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ކުޑަކުދިންނަށް ޚާއްސަ ޝޯ އެއް ހަމަޖައްސައިދިނިތީ ޝްވެކް ސިނަމާގެ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުދިންގެ ދަތުރުފަތުރުގެ ކަންކަން އިންތިޒާމް ކޮށްދިން ކަމަށްޓަކައި އެމްއެންޑީއެފާއި އެމްޓީސީސީ އަށް ވެސް ޖެންޑާ މިނިސްޓްރީން ޝުކުރު އަދާކުރެ އެވެ.

ހުޅުމާލޭގެ ފިޔަވަތީގަ އާއި ވިލިމާލޭގެ ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި 166 ކުއްޖަކު އެބަތިބި ކަމަަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.