ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކުރެއްވުމަށް އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި އެއް އިރެއްގައި ނާޒިމްއާ އެންމެ ގާތުން މަސައްކަތް ކުރެއްވި އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.


"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އަދީބު ފޮނުއްވި މި ސިޓީގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ ފިސްތޯލައާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި ފިތުރު އީދަށް ސަރުކާރު ބަންދުވުމުގެ އެއް ދުވަސް ކުރިން އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފިސްތޯލަ އާއި އެކަން ހިނގި ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ފިސްތޯލަ އާއި ތިން ވަޒަން ނާޒިމްގެ އެޕާޓްމަންޓުން ފެންނަން ޖެހުނު ގޮތް ނާޒިމަށް އެނގިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް، އަދީބުގެ ސިޓީގައި ވަނީ އަރުވައިފަ އެވެ.

އަދީބު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗްކޮޅު ގޮއްވާލުމުގެ މައްސަލަ އާއި އެހެނިހެން ބޮޑެތި މައްސަލަތަކެއްގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު އެ ސިޓީގައި އަދި ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައިގެ ހަގީގަތް ކޯޓުތަކަށާއި އާންމުންނަށް ހާމަކޮށްދިނުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި، މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ ނަމަ މުހައްމަދު ނާޒިމްގެ މައްޗަށް ރޭވި، ތަމްސީލު ވެގެން ދިޔަ ކަންތަކުގެ ތަފުސީލުތައް ހިއްސާކޮށް ޝަރުއީ ކޯޓަކުން ފައިސަލާ ކޮށްފައިވާ ކަމަކާ ގުޅިގެން، ޝަރުއީ ހަމަތަކުގެ މަތީން، ދިވެހިރާއްޖޭގެ ކޯޓުތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ،" އަދީބުގެ ސިޓީގައިވެ އެވެ.

"އަދި މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ ތަކެތި ނޫން ކަމާއި މުހައްމަދު ނާޒިމް އަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ."

މި ސިޓީއާ ގުޅޭ ގޮތުން ނާޒިމާއި އަދީބުގެ ފަރާތުން ވެސް މީޑިއާ އަށް އަދި އެއްވެސް ކޮމެންޓެއް ނުކުރެ އެވެ. ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ވެސް އަދިއެއް ނުލިބެ އެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ނާޒިމް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ނާޒިމްގެ ވަކީލުން ބުނާގޮތުން އޭނާގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެކެވެ. އޭނާ އެކަން ކުރި ކަމުގެ ހެކިން އެބަތިބި ކަމަށް ވެސް ނާޒިމްގެ ވަކީލުން ބުނެފައިވެ އެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ހެކިން ކޯޓަށް ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ފިސްތޯލައިގެ މައްސަލާގައި ނާޒިމްގެ މައްޗަށް އައި ދިގު މުއްދަތުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރި ނަމަވެސް ޖޫން 26، 2016 ގައި އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން އެގޮތަށް ނިންމިއިރު، ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް އޭގެ ހަ ދުވަސް ކުރިން ފުލުހުން އޮތީ ހާމަކޮށްފަ އެވެ. އަދި ޑީއެންއޭގެ ރިޕޯޓު ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޮތީ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ.

ސުޕްރީމް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމުގައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންވެ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ލިޔުމުގައިވެ އެވެ.