ޓެރަރިޒަމްގެ ކުށުގައި ޖަލަށް ހުކުމް ކޮށްފައި ހުންނެވި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަރެކްޝަނަލް ސާވިސް ގެ އޮފިސަރުންނާ އެކު: ރޯދަ އަށް ގޭބަންދަށް ބަދަލުކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ޖަލަށް ގެންގޮސްފައި. -- ފޮޓޯ: ނިޝާން އަލީ /މިހާރު
02 ޖުލައި 2017 - 10:49
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޯދަ މަހަށް ގޭބަންދަށް ބަދަލު ކުރުމަށް ފަހު، މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ގެންގޮސް އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ އިމްރާން ބަހައްޓާފައި ހުންނަނީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށެވެ. އެއީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އަދާލަތުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
މީގެ ކުރިން އިމްރާން ހުންނަވަނީ، މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. އެ ތަނުގައި ބައިތިއްބަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވަނިކޮށް ހުކުމް އިއްވާފައި ތިބި މީހުންނެވެ.
އަދާލަތުން ބުނި ގޮތުގައި އިމްރާންގެ ސިއްހީ ހާލަތު ހުރި ގޮތުން، އެ ގޮޅީގައި އޭނާ ބަހައްޓައިފި ނަމަ ހާލު އިތުރަށް ގޯސްވެދާނެ އެވެ. އިމްރާނަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ އިލްމުވެރިއަކަށް ވާތީ، އޭނާއާ މެދު އިހާނެތިކޮށް އަމަލު ނުކުރަން އަދާލަތުން ވަނީ ގޮވާލައިފަ އެވެ.
"އަދާލަތު ޕާޓީން ދެކޭ ގޮތުގައި ސަރުކާރުން އިމްރާނާ މެދު މިފަދަ ނާތަހުޒީބު އުސޫލަކުން އަމަލު ކުރަމުން ގެންދަނީ އެ މަނިކުފާނު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނިކަމެތި ކޮށްލައިގެން ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އާއިި ގާނޫނުތަކުގެ ބޭރުން ހިންގާ އަނިޔާވެރި ޖަރީމާތަކާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ފާޑުކިއުމާއި ހައްގު ބަސް ވިދާޅުވުން ހުއްޓުވާލެވިދާނެ ކަމުގެ އުއްމީދުގަ އެވެ،" ބަޔާނުގައިވެ އެވެ.
އެކަމަކު، އެކަން ހުއްޓުވާނުލެވޭނެ ކަމަށާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ވިދާޅުވުމުގައި އިމްރާން ހުންނެވީ ސާބިތުކަމާ އެކުގައި ކަމަށް ވެސް އަދާލަތުން ބުންޏެވެ.
އިމްރާން 12 އަހަރަށް ޖަލަށްލާފައި ވަނީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އިމްރާންގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
02 July 2017
3 ހަރަމުގެ ވާހަކައިގެ ވާހަކަޔާއި މުސްލިމު އުއްމަތުގެ ބޮޑު ވެރިކަން ( ހިލާފަތު) މިކަން ކަމުގެ ވާހަކަ ދެއްކުމަކީ އާލު ސޫދާއި އެމެރިކާ ރައީސުން އެހާ ގަޔާވާ ކަމެއްނޫން އެވާހަކަ ދައްކާނީ މުޅިންވެސް ޓެރެރިސްޓުން ދިވެހިރާއްޖޭގައިވެސް ވެރިކަމުގެ ވާހަ ދައްކާ މީހުންނަކީ ޓެރެރިސްޓުން ކަމުގައި ބަޔެއްވެރިން ދެކެނީ!
ގޮއްޔެ
02 July 2017
މި އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތާ އެއްވަރަށް ނުވަތަ އެއަށްވުރެން ބޮޑަށް ކުރަން ޖެހޭ ކަމަކީ ދުޢާ ކުރުން. އިންޝާ ﷲ މިއަނިޔާވެރިކަމުން ވަރަށް އަވަހަށް މިންޖް ވާނެ. މިއަނިޔާވެރިކަން މިޤައުމަށް ގެނައުމުގެ އެއް މޭސްތިރި އިމްރާނަކީވެސް. އެމެރިކާއިން އިރާޤަށް އަރާ އެތަން ލޫޓުވާލާ އެޤައުމުގެ ވެރިޔާ ދަންޖައްސާ މަރާލި ފަހުން އެޤައުމަށް ހަމަޖެހުމެއް ނާދޭ. ލީބިޔާވެސް އެއޮތީ ހަމަ އެޙާލުގައި. ފަލަސްޠީނުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. މިހެން ގޮސް މިދުނިޔޭގައި ބިކަވެފައި މިވަނީ ހަމައެކަނި އިސްލާމީ ޤައުމުތައް. ޢައިރު މުސްލިމުން، މުސްލިމުންގެ މައްޗަށް ކުރި ހޯދަމުންދާ ކަމީ މިއަދު މުޅި އިސްލާމީ އުންމަތްވެސް ލަދުވެތިވާން ޖެހޭ ކަމެއް. އަޅަމެންގެ އިސްލާމީ ޤައުމުތައް އަމާން ކަމާއި އެކުވެރިކަމާއެކު ތެދުމަގުގައި ފައިތިލަ ސާބިތު ކުރައްވާށި. އާމީން
އިދިކޮޅު
02 July 2017
އިމްރާނަކީ އެމްޑީޕީގެ ވެރިކަން ވައްޓާލަން ބަގާވަތް ކޮއްފަ އެމްޑީޕީގެ ވެރިކަން ވައްޓާލާފަ ޕީޕީއެމްމަށް ވެރިކަން ހޯދައިދެން މަސައްކަތްކޮއްފަ ޕީޕީއެމް އަށް ވެރިކަންލިބުނީމަ އަނެއްކާވެސް ބަގާވަތްކޮއްފަ އެމްޑީޕީއަށް ވެރިކަން ހޯދައިދެން ބަގާވަތް ކުރިމީހެއް އަހަރުމެންނަށް ފެނުނު ފިޔާތޮށި ކުލައިގެ ފޮތިގަނޑެއް އިމްރާން ބޮލުގަ ބައްދައިގެން 21ދުވަހާއި 21 ރޭ ވަންދެން މާލޭގެ އެކި ސަރަހައްދު ތަކުގަ އެމްޑީޕީ ވެރިކަން ވައްޓާލަން މަސައްކަތް ކުރަނުކޮން އެވަރުގެ މީހަކު މިހާރު އެމްޑީޕީ މީހުންނަށް މާއޯގާތެރި މީހެއްކަމަށް ދެކިގެން ތިއުޅެނީ އިމްރާނަކީ އެހުރިހާ ކަމަކަށް ބަލާލާއިރު އުމުރު ދުވަހު ޖަލުގަ އިންނަން ޖެހޭމީހެއް މީހަގީގަތެއް
އިމްރާނު
02 July 2017
އިމްރާނުގެ ވަކީލުންގެ ސަމާލު ކަމައް ދަންނަވަން. ގަޑިއަކު އެއްފަހަރު އިމްރާން ސަލާމަތުން ހުރިތޯ ބެލޭނެ އިންތިޒާމެއް ހމަޖައްސަވާ.
ފާތުމަ
02 July 2017
މީގެންވެސް އެނގެނީ ސަރުކާރޔގެ އަނިޔާވެރިކަން ހުރި މިންވަރު
މޮހޮނުި
02 July 2017
ޝެއިޚް އިމްރާނަށް ކެތްތެރިކަން ދެއްވާށި. އާމީން
ތަކުރު
02 July 2017
އިމްރާނު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން