ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފި އެވެ.
އޭޑީކޭ އިން ވެސް ވަނީ ބޭރަށް ހިންގައި ހޮޑުލާތީ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.
އޭޑީކޭއިން އާއްމުކޮށްފައިވާ ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 25 އިން 28 އަށް އެ ރޯގާގައި ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެ އަދަދު ދަށަށް ގޮސްފައި، މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބޭރަށް ހިންގައި، ހޮޑުލުމާ ގުޅޭ ގޮތުން ކުޑަކުދިންގެ ޑޮކްޓަރު، އަބްދުﷲ ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަލިން ރައްކާތެރިވުމަށް، އާއްމު ސާފުތާހިރުކަން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކެއުމުގެ ކުރިން ރަނގަޅަށް އަތްދޮވެ، ސާފު ފެނާއި ކާއެއްޗެހި ބޭނުން ކުރުމާއި ބޮޑުކަމުދިޔުމަށް ފަހު ރަނގަޅަށް ސާފުތާހިރުވެ، ޑައިޕާ ފަދަ ތަކެތި ރައްކާތެރިކަމާ އެކު ނައްތާލުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.