މެމްބަރު ރަޝީދު ސޮއިކުރެއްވީ ދެ ހެކިންގެ ހާޒިރުގައި، ވީޑިއޯ ވެސް އެބައޮތް: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ) ސޮއި ކުރެއްވީ ދެ ހެކިންގެ ހާޒިރުގައި ކަމަށާއި އޭނާ ސޮއި ކުރައްވާ ވީޑިއޯ ވެސް އިދިކޮޅު ފަރާތްތަކުގެ އަތުގައި އެބަހުރި ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.


މުސްތަފާ މިހެން ވިދާޅުވީ، ލިސްޓުގައި ނަން އޮތަސް މަސީހު ވަކިކުރަން ސޮއި ނުކުރައްވާ ކަމަށް މެމްބަރު ރަޝީދު ވިދާޅުވުމުންނެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ އެކު ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އޭނާގެ ސޮއި އޮތީ ފޯޖްކޮށްފައި ކަމަށެވެ.

މި ތުހުމަތާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ ލިސްޓުގައި ރަޝީދު ސޮއި ކުރައްވާ ފޮޓޯއެއް އާއްމުކޮށްފަ އެވެ.

މުސްތަފާ ވިދާޅުވީ ރަޝީދު ސޮއިކުރެއްވިއިރު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އިތުރުން އެހެން ބޭފުޅަކު ވެސް ހުންނެވި ކަމަށެވެ. ދެ ހެކިންގެ ހާޒިރުގައި ރަޝީދު ސޮއިކުރެއްވިއިރު، ވީޑީއޯ ވެސް ނެގި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އޭނަ އަމިއްލަ އަށް ނަން ލިއުއްވައި ސޮއިކުރެއްވުމަށް ފަހު ދުއާ ކުރައްވާފައި ވިދާޅުވި ކަމަށް ވަނީ މާތްކަލާނގެއާ ވަކީލޭ. އިރާދަކުރެއްވިޔާ މިކަން ދެން މި ނިމުނީއޭ،" ރަޝީދު ސޮއި ކުރެއްވިއިރު ހުންނެވި ހެއްކަކާ ހަވާލާ ދެއްވައި މުސްތޮފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ އިޚްތިޔާރުގައި ސޮއި ކުރެއްވުމަށް ފަހު އެކަން ދޮގު ކުރެއްވީ ރަޝީދަށް ކުރިމަތިކުރާ ބިރުދެއްކުންތަކާ ހެދި ކަމަށް ގަބޫލުކުރެއްވެ އެވެ. ސޮއި ކުރެއްވުމަށް ފަހު އެކަން ދޮގުކުރައްވަން އުޅުއްވިއަސް ފޮޓޯ އާއި ވީޑިއޯ އަދި ދެ ހެކިން ތިބިއިރު، އެކަން އެހެން ގޮތަކަށް ބަދަލުކުރެވެން ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް މިއަދު މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން ބުނެފައި ވަނީ އޭގެތެރޭގައި ވަގު ސޮއި ހިމެނޭ ކަމަށެވެ.