ނަޝީދަށް ހިމާޔަތް ދިން ކަން އިނގިރޭސިވިލާތުން ޔަގީންކޮށްދީފި: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީ ހިމާޔަތް ދީފައިވާ ކަން އިނގިރޭސި ވިލާތުން ދިވެހި ސަރުކާރަށް ޔަގީން ކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ޖެނުއަރީ މަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ނަޝީދު ވަނީ "ޕޮލިޓިކަލް ރެފިއުޖީ" ސްޓޭޓަސް ހޯއްދަވައިފަ އެވެ. ނަޝީދު ހިމާޔަތް ހޯއްދެވި ކަން އެ މަނިކުފާނުގެ ވަކީލުން އިއުލާން ކުރެއްވި ނަމަވެސް ފޮރިން މިނިސްޓްރީން މިހާތަނަށް ބުނަމުން އައީ އެކަން ދިވެހި ސަރުކާރަށް އަންގާފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ ނަޝީދަށް ހިމާޔަތް ދިން ކަން ޔަގީން ކޮށްދިނީ ފޮރިން މިނިސްޓްރީން އިނގިރޭސި ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ކަމަށެވެ. ހިމާޔަތް ދިން ކަން ޔަގީން ކޮށްދިނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ސިޓީގައި ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދަކީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ ބޭސްފަރުވާ ނިމުނުހާ އަވަހަކަށް ރާއްޖެ ވަޑައިގެން ހުކުމުގެ ބާކީ ބައި ތަންފީޒު ކުރައްވާނެ ކަމަށް އިގުރާރެއްގައި އެ މަނިކުފާނު ސޮއި ކުރެއްވި ކަމަށެވެ. އެކަމަކު އެ މަނިކުފާނު ބޭރުގައި ހުންނެވީ އެ އިގުރާރާ ވެސް ހިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

"ސިއްހީ ފަރުވާ އަށް ލީވެއް އަރުވާފައި ހުންނެވި ބޭފުޅަކު [ސިޔާސީ ހަރަކާތްތައް ހިންގަވަން] މިިގޮތަށް ބޭރުގައި ހުންނެވުމުން ކަންބޮޑުވޭ. އަދި އެހެން ގައުމުތަކުން ބައެއް ކުށްވެރިންގެ އަމަލުތަކަށް ހިތްވަރު ދޭ ގޮތަށް އެ ބޭފުޅުންގެ ނިންމެވުން ހުރީތީ ވެސް ކަންބޮޑުވަން،" ދުންޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހާއްސަ އިނާޔަތެއްގެ ދަށުން ނަޝީދު ބޭސްފަރުވާ އަށް ސަރުކާރުން ފޮނުވީ އިހްލާސްތެރި ނިޔަތެއްގަ އެވެ. އެކަމަކު އެ މަނިކުފާނު އެކޮޅުގައި އަމަލުތައް ބަހައްޓަވާ ގޮތުން ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ބޭރުގައި ހުންނެވުމުން އިތުރަށް ކުރިއަށް ދާނެ ގޮތެއް ނިންމާނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެތޯ ބޭރުގެ ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން "މި ވަގުތަށް އެންމެ ރަނގަޅީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން" ކަމަށެވެ.

ނަޝީދު ވެސް ހިމެނޭ ގޮތަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ އިދިކޮޅު އިއްތިހާދެއް އުފައްދައިފަ އެވެ. އެ އިއްތިހާދުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުން ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ.