ޕީޖީން ހާޒިރު ނުވެގެން ގާސިމްގެ މައްސަލަތައް ބޭރުކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތަކުގެ މިރޭ ޝަރީއަތަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަތައް ކޯޓުން ބޭރުކޮށްލައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން މިރޭ ހަމަޖައްސާފައި ވަނިކޮށް އެ މަޖިލީހަށް ޕީޖީގެ ވަކީލުން ހާޒިރުނުވީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ. އެކަމުގައި ޕީޖީ އޮފީހުގެ ބަހެއް ވެސް ނުލިބެ އެވެ.

ގާސިމްގެ ޝަރީއަތް މިރޭ ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔައިރު ފުލުހުން ފޯރިމަރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިރޭ 7:00 ގައި ބާއްވަން ހަމަޖައްސާފައި އޮތް އެ މަޖިލިސް، ޕީޖީ ވަކީލުން ހާޒިރު ވޭތޯ ބެލުމަށް ދޮޅު ގަޑިއެއްހާ އިރަށް ފަސް ކުރުމަށް ފަހު ކޯޓުން އިއުލާންކުރީ މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުވާން ޕީޖީގެ ވަކީލުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމަކު ވަކީލުން އެކަމަށް ދެކޮޅު ހެދި ސަބަބެއް ކޯޓުން ނުބުނެ އެވެ.

ކޯޓުން ބުނީ އެ މައްސަލަތައް ޕީޖީ އޮފީހަށް މިރޭ އަނބުރާ ފޮނުވާލާން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ކަމަށާއި އެކަމަކު މައްސަލަ އަލުން ހުށަހަޅަން ބޭނުން ނަމަ އެ ފުރުސަތު ޕީޖީ އަށް އޮންނާނެ ކަމަށް ކޯޓުން ބުންޏެވެ.

ޝަރީއަތަށް ފަހު ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާސިމަށް ކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ގާސިމްގެ ވަކީލުން އިޖްރާއީ ނުކުތާ ނެގުމުން މިރޭ ބާއްވަން ހަމަޖެއްސީ އެކަމުގައި ގޮތެއް ނިންމުމަށެވެ.

ގާސިމްގެ ޝަރީއަތް މިރޭ ހިނގަމުން ދިޔައިރު ކްރިމިނަލް ކޯޓުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ މައްސަލަ ބައްލަވަމުން ގެންދެވީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ.

ގާސިމަށް އެ ދައުވާތައް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ.