ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަންނަން އަނާރާ ވެސް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް ހުށަހަޅުއްވައިފި އެވެ.


މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ (ފްލޯ ކްރޮސް ކޮށްފި ނަމަ) ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް އިއްޔެ ވަނީ ހުށަހަޅުއްވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ހަމައެކަނި މަޖިލިސް މެމްބަރު އަނާރާ އެ މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހެޅުއްވި ކަން އަދާލަތު ޕާޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދައުވާލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަނީ ވަކިވެފަ އެވެ. އެހެން މަޖިލީހުގައި ޕީޕީއެމަށް އޮތް އަޣުލަބިއްޔަތު މިހާރު ވަނީ ގެއްލިފަ އެވެ.