އައްޑޫ ލިންކް ރޯޑްގައި މިރޭ ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ރުކެއްގައި ޖެހި ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
އާރްއޭއެފް ލިންކް ރޯޑް ރުއްފަށު ސަރަހައްދުގައި ހިނގި މި ހާދިސާގައި ކާރު ޖެހުނު ރުއް ވެސް ވެއްޓިފައިވާ އިރު، މަގުން ދުއްވި އެހެން ވެހިކަލެއްގައި ވެސް ކާރު ޖެހިފައިވެ އެވެ. މި ހާދިސާގައި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގި އިރު ކާރުގައި ހަތަރު ޒުވާނަކު ތިއްބެވެ.
އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.