ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް، މެންބަރުންނާ ގުޅޭ ހުކުމުން އަސަރެއް ނުކުރާނެ: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އެ ކޯޓުން މިރޭ ބުނެފި އެވެ.


ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނީ އެއީ މާޒީއަށް ރުޖޫއަވެވޭ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫންކަން، ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި މި ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވައިދު އަދި އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ވެސް ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އަމުރު ނެރެފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ޕާޓީތަކުން ވަކިވެ އަދި ވަކިކޮށްފައިވާ މަޖިލިސް މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ. އަދި ޕީޕީއެމުން މީގެ ކުރިން ވަކިކޮށްފައި ބައެއް މަޖިލިސް މެންބަރުން މިއަދު ވަނީ އެ ބޭފުޅުންގެ މަގާމަށް ވާނެގޮތަކާ މެދު ރައުޔަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ސިޓީތަކެއް ވެސް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ގޮތްތަކެއް ކަނޑައެޅި ހުކުމަކީ މިހާރު އަމަލުކުރަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވައިދާއި އަދި އެހެން ގާނޫނުތަކާއި ގަވައިދުތަކުން ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކުރެވިފައިވާ ހުކުމެއް ނޫން ކަމަށް މިރޭގެ އަމުރުގައި ވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ބ. ގައި ބުނަނީ "ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބު ވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެ މީހަކު އިންތިހާބު ވެފައިވާ މަގާމުގައި ދެމި ހުންނާނެ" ކަމަށެވެ. މިއީ ވެސް ހުކުމަށް ފަހު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ މާއްދާއެކެވެ.

މި ކަންކަން ސާފުކޮށްދީފައިވާ އަމުރުގައި ބުނީ، މެންބަރުކަން ގެއްލޭ ގޮތާ ބެހޭ ގޮތުން ބެލި ގަޒިއްޔާ އަކީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލަންޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ. ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައިވާ މި މައްސަލާގައި ސުޕްރީމް ކޯޓުގެ އަމުރުގައި ބުނީ އެގޮތަށް އޮތީ އެ ކޯޓުގައި 7 ފަނޑިޔާރުން ތިއްބެވި އިރު ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ 5 ކަމުގައި ވާތީ ކަމަށެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކާ އެކު ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކޮށްފައި ވާތީ، އަޣުލަބިއްތު ހިމެނޭ އޮނަހިރި އަދަދަކީ 3 ކަމަށާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނާ ދުސްތޫރީ މައްސަލަތައް 5 ފަނޑިޔާރުންގެ ބެންޗަކުން ބަލާނީ އެހެން ގޮތަކަށް ފަނޑިޔާރުންގެ މަޖިލީހުން ކަނޑަނާޅައި ހިދެއްގައި ކަމަށެވެ.

ހުކުމަށް ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށް ނެރުނު އަމުރުގައި ބުނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށާއި އެ ނިންމުންތަކާ މެދު އިހްތިސާސްގެ ގޮތުންނާއި އިޖުރާއީ ގޮތުންނާއި މައުލޫއީ ގޮތުން ޖަދަލެއް ނުވަތަ ޚުޞޫމަތެއް އުފައްދާނެ ތަނެއް ނޯންނާނެ ކަމަށެވެ.

ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫންކަން ފާހަގަކޮށް، އަމުރުގައި ބުނެފައި ވަނީ ޝަރީއަތަށް ނުފޫޒު ފޯރުވައި ކޯޓުތަކުގެ ނިންމުންތައް އޮޅުވާލެވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރަމުންދާ ނަމަ އެއްވެސް އިސްތިސްނާއެއް ނެތި އެ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް، އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރަށް ނިސްބަތްވާ 10 މެންބަރަކު ބައިވެރިވެ މަސީހު ވަކިކުރުމަށް ވަނީ ސޮއިކޮށްފަ އެވެ. މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުންގެ ތެރޭގައި ކުރިން ޕީޕީއެމުން ވަކިކޮށްފައިވާ ކަމުގެ ލިޔުން އެ ޕާޓީން ދީފައިވާ ބޭފުޅުން ވެސް ހިމެނޭއިރު ކޯޓުގެ ހުކުމް އައުމުގެ ދެތިން ދުވަސް ކުރިން ޕާޓީން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށާއި ޕާޓީން ވަކި ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ މަސީހުގެ މައްސަލާގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މެންބަރުންގެ މަގާމު ގެއްލުވާލުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.