ޚަބަރު / ފާރިސް މައުމޫން

ފާރިސް ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށް ދިނުމަށް މަޖިލީހުގައި އެދިއްޖެ

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ފަހު ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއްގެ ބެލުމުގެ ދަށުން ޖަލަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށް ދިނުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ އަރިހުން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކު މިއަދު އެދިވަޑައިގެންފި އެވެ.

އެ މެމްބަރުން ސޮއި ކުރައްވައި އަމީން އާންމަށް ފޮނުއްވި ސިޓީއެއްގައި ވަނީ ފާރިސް އަށް ޕެޓިޝަން ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭ ނަމަ، ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއް ފާރިސް އަށް ބައިވެރިވެވޭ ގޮތަށް ބާއްވައި ދިނުމަށް އެދެމެވެ،" ކޮމެޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ ސިޓީގައިވެ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފާރިސް އަކީ ޕެޓިޝަން ކޮމެޓީގެ މެމްބަރެކެވެ. އެކަމަކު އޭނާ މިއަދު އޮތް ޖަލްސާއަށާއި ކޮމެޓީއަށް ހާޒިރުކޮށްފައެއް ނުވެ އެވެ. ފާރިސް މިވަގުތު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ.

ފާރިސް ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް ހުށަހެޅުއްވީ ޝާހިދެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދެވެ. މި ހުށަހެޅުމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ކުރައްވާފައި ނުވާތީ ކޮމެޓީ ބައްދަލުވުން މެދުކަނޑާލީ އެގޮތަށް ނިންމުމަށްފަހު އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފާރިސް މަޖިލީހަށް ހާޒިރުވުމަށް އޭނާގެ ޝަރީއަތް މިއަދު މެދުކަނޑާލިޔަސް މަޖިލީހަށް ހާޒިރުނުކޮށް ކަރެކްޝަނަލް ސާވިސް އިން ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފާރިސް މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެއްވެސް މުއައްސަސާއަކުން މިހާތަނަށް އަންގާފައެއް ނުވެ އެވެ.

ފާރިސް މަޖިލީހަށް ހާޒިރުކުރަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި ދިނުމަށް އެދި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެކަމަކު އެގޮތަށް މަޖިލީހުގެ ރައީސް އެއްވެސް ފަރާތަކަށް އެންގެވި ކަމެއް ސާފެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހެ އެވެ. އެކަމަކު ފާރިސްގެ ކުރިން ހައްޔަރުކުރި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މަޖިލީހަށް ހާޒިރުކޮށެއް ނުދެ އެވެ. ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން މެދުކަނޑާލީ ހަވީރު ވެސް ފާރިސްގެ ޝަރީއަތް އޮންނާނެ ކަން އިއުލާން ކުރުމަށްފަހު އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454