ޒަހަމްވި ފުލުސް މީހާގެ ހާލު މިނިސްޓަރު އަޒްލީން އާއި އާދަމް ބައްލަވާލައްވައިފި

ކ. މާފުށީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ފުލުސް މީހާގެ ހާލު ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ބައްލަވާލައްވައިފި އެވެ.


އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކޮންސްޓަބްލް އަލީ ރައްޒާންގެ ހާލު ދެ މިނިސްޓަރުންގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވެސް ބައްލަވާލެއްވި އެވެ. އަދި މި ތިން ބޭފުޅުން ވަނީ ރައްޒާންގެ އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރައްޒާންގެ ހާލު ބެއްލެވުމަށް މިނިސްޓަރު އަޒްލީން (ކ) އައިޖީއެމްއެޗްގައި. - ފޮޓޯ: ޕޮލިސް

މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުންނެވެ. ވަޅި ހެރިފައި ވަނީ ރައްޒާންގެ ކުރިމަތިން ވާތު ކޮނޑާއި މެޔާ ދޭތެރެއަށް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ރައްޒާނަށް ހަމަލަ ދިން މީހާ އާއި ލޯންޗުގެ ކެޕްޓަނާއި ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވަނީ، ޖަލަށް ވައްދަން އުޅުނު އެއްޗެހިތައް ވެސް އަތުލައިގެންފަ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ވަރަކުން މި މައްސަލައިގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.