ރައްޒާނަށް ހަމަލަ ދިން އަޒުހަރަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް: ޕޮލިސް

ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން މި ރޭ ބުނެފި އެވެ.


މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުންނެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މާފުށީ ޖަލަށް ވައްދަން އުޅެނިކޮށް ފުލުހުން ހޯދި ބައެއް ތަކެތި. - ފޮޓޯ: ޕޮލިސް

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރައްޒާނަށް ހަމަލަ ދިން ހ.ކުއްޅަވައްމާގޭ އަޒުހަރަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރު ކުރި މީހެއް ކަމަށެވެ. އަޒުހަރު އަތުން ފެނުނު ދެ ގޯނީގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓެރީ އާއި ހެޑް ސެޓް ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު މާފުއްޓަށް ކައިރި ކުރި ލޯންޗުން ފުންމާލައިގެން އަޒްހަރު މަސައްކަތް ކުރީ މާފުއްޓަށް އެ ތަކެތި ވެއްދުމަށެވެ. އެކަމަކު، އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ރައްޒާނުގެ ވާތް ފަރާތު، ކުރިމަތިން ކޮނޑާ ދިމާލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓެރީ އާއި ހެޑް ސެޓް ހިމެނެ އެވެ.

މި މައްސަލާގައި އަޒްހަރާއެކު އިތުރު ތިން ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައްޒާންގެ ހާލު ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް ވަނީ ބައްލަވާލައްވައިފަ އެވެ. އަދި މި ތިން ބޭފުޅުން ވަނީ ރައްޒާންގެ އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.