މާރާމާރީތަކާ ގުޅިގެން ހޯދަމުން ދިޔަ ހަ މީހަކު ހައްޔަރުކޮށްފި

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނީ ހައްޔަރު ކުރި މީހުންނަކީ މާރާމާރީތަކާ ގުޅިގެން ހޯދަމުން އަންނަ 34 މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މާރާމާރީތަކާ ގުޅިގެން ގިނަ ބަޔަކު ހޯދަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ އިން އެއްވެސް މީހެއްގެ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ. އަދި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ވެސް ނުދެ އެވެ.

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޒުވާނަކު މަރާލުމުގެ ކުރިން ހިނގި މާރާމާރީތަކުގައި 23 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެ އެވެ.

ފަހަކަށް އައިސް މާލޭގައި މާރާމާރީތައް ގިނަވެފައިވާތީ ސަރުކާރަށާއި ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި ވަޅިން ހަމަލާދީ ދެ ޒުވާނަކު މަރާލާފައިވާ އިރު އެ މައްސަލައިގެ ތުހުމަތަށް މިހާތަނަށް ވެސް މީހަކު ހައްޔަރު ނުކުރެވޭ މައްސަލައިގައި ވެސް ފުލުހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މާލޭގައި ހިންގި މާރާމާރީގައި މަރާލި ދެ ޒުވާނުންނަކީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމާއި (24އ)، އާއި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް (25އ) އެވެ.

މާލޭގައި ގިނަ އަދަދެއްގެ މާރާމާރީތަކެއް ހިނގައި ދާދި ފަހުން ދެ ޒުވާނަކު މަރާލި މައްސަލަ އަށް އިޝާރާތް ކުރައްވައި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މީހުންގެ ޖާނާއި ފުރާނަ އަށް ގެއްލުންވެ، ހިނގައިދިޔަ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.