އަދީބު، ހުމާމާ ބައްދަލުކުރި މައްސަލަ ބަލަން ފެށީ ލޯންޗު ގޮއްވާލި ފަހުން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމު މާފުށީ ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފެށީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި ފަހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


ސްޓެލްކޯގައި ބޭއްވި ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އާ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ، ދައުލަތުގެ އިސްވެރިއަކު ހުމާމް ޖަލުން ނެރެ އޭނާއާ ބައްދަލުކުރެއްވި މައްސަލަ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް މިގޮތަށް އިއްޔެ ވިދާޅުވުމުގެ މާކުރިން، ސޯޝަލް މީޑީއާގައި ވެސް ވަރަށް ބާރަށް އެ ވާހަކަ ވަނީ ފެތުރިފަ އެވެ. އެކަމަކު ހޯމް މިނިސްޓްރީ އާއި ފުލުހުން އަދި ކަރެކްޝަނަލް ސާވިސް އިން ވެސް އެ ދުވަސްފަރު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު އުމަރު: އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު އަދީބު ހުމާމާ ބައްދަލުކުރިކަން ސާބިތުނުވާ ކަމަށް ވިދާޅުވި. .---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ

ރައީސް ޔާމީން މި މައްސަލާގައި އިއްޔެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭރުގެ ހޯމް މިނިސްޓަރު އުމަރުއާ "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ އޭރު އަދީބުގެ މައްޗަށް ކުރީ ތުހުމަތުތަކެއް ކަމަށެވެ. ހުމާމު ޖަލުން ނެރެގެން، އަދީބު ބައްދަލުކުރެއްވި ކަމުގެ މައުލޫމާތު ރައީސް ޔާމީނަށް އެނގިވަޑައިގެން، އެކަން ބަލަން އެންގެވުމުން ތަހުގީގު ފަށައި، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ ސުވާލު ކުރި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެކަމަކު އޭރު އެއްވެސް އެވިޑެންސެއް ނުލިބޭ ބައްދަލު ކުރެއްވި ކަމުގެ. ތަހުގީގު ކުރިއަށް ގެންގޮސް ސުވާލުކޮށް ވެސް ހެދި. ރައީސް އިއްޔެ އެ ވިދާޅުވީ އެ ތަހުގީގުގެ ވާހަކަ،" އުމަރު ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ މައްސަލައިގެ ތަހުގީގުގައި، ހުމާމު ޖަލުން ނެރުނު ކަމަށް މާފުށީ ޖަލުގެ ދެ ގާޑުންގެ ތެރެއިން އެކަކު ފުލުހުންނަށް ހެކި ބަސް ދީފައިވާ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތަހުގީގަށް ލިބޭ ކުރިއެރުންތައް ގަވާއިދުން އާއްމުކުރަމުން ގޮސް، ހުމާމު ޖަލުން ނެރެ އަދީބު ބައްދަލުކުރި ކަން އެނގުމުން، އޭރު އެކަން ސިއްރުކުރީ ކީއްވެތޯ ދެންނެވުމުން، އުމަރު ވިދާޅުވީ ތަހުގީގުގައި ކުރިއަށް ގެންދާ ހުރިހާ ކަންކަމަކީ ނުވަތަ ލިބޭ މައުލޫމާތުތަކަކީ އާއްމުކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެއާއެކު، އަދީބަކީ އޭރު ދައުލަތުގެ ނުފޫޒު ގަދަ ބޭފުޅަކަށްވެފައި، އެމަނިކުފާނުގެ ނުފޫޒު ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގައި އޮތް ކަމަށް އުމަރު ވިދާޅުވި އެވެ.

އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ: --ފޮޓޯ/މިހާރު

ހޯމް މިނިސްޓަރަކަށް ހުންނެވި ނަމަވެސް، އޭނާގެ އަތުން ބާރުތައް ރައީސް އޭރު އަތުލައްވާފައިވާ ކަން ވެސް އުމަރު ފާހަގަކުރެއްވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު، އެ މައްސަލައިގެ ތަހުގީގު އަދިވެސް މުޅިން ނުނިމެ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމަށް ބަޔަކު ފައިސާ ހޭދަކުރި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު އެއީ ކޮން ބައެއް ކަމެއް އަދިވެސް ނުހޯދެ އެވެ.