އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަޝްރޫއު ރައީސް އިފްތިތާހު ކޮށްދެއްވަނީ: އާ ރަންވޭގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
27 ޖޫން 2016 - 09:45
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިނގާފައި ވޭތޯ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.
ބްރިޖާއި އެއާޕޯޓު މަޝްރޫއު ޗައިނާގެ ކުންފުނިތަކަކަށް ދީގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުވަ މިލިއަނެއްހާ ޑޮލަރު (136 މިލިއަން ރުފިޔާ)ގެ ބޮޑު ކޮމިޝަނެއް ލިބޭ ގޮތަށް އެއްބަސްވިކަން "މިހާރު"ން ވަނީ އިއްޔެ ހާމަކޮށްފަ އެވެ.
އެކަމާ ގުޅިގެން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި ގޮތުގައި އަދީބާއި އެ މަނިކުފާނާ ގުޅުން ހުރި ފަރާތްތައް ހިމެނިވަޑައިގަންނަވާ ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެކަމަކު، ބްރިޖާއި އެއާޕޯޓު މަޝްރޫއުގައި ކޮރަޕްޝަން ހިންގެވިކަން މިހާތަނަށް ހާމަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި މައްސަލަ ވެސް އަޅުގަނޑުމެން ކޮމިޝަނަށް ހުށަހަޅައިގެން ބަލާނަން،" މުއައްވިޒް ވިދާޅުވި އެވެ.
"މިހާރު" އަށް ލިބިފައި ވަނީ އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ޗައިނާގެ އެޖެންޓަކާ އެކު ކުރެއްވި އެއްބަސްވުމެއްގެ ކޮޕީއެކެވެ. މިއީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ހައްޔަރުކޮށް، އެ މަނިކުފާނާ ގުޅުން ހުރި ތަންތަން ފާސްކުރުމުގެ ތެރޭގައި ފެނުނު ލިއުންތަކުގެ ތެރޭގައި އޮތް އެއްބަސްވުމެކެވެ.
ބްރިޖުގެ ފީސިބިލިޓީ ދިރާސާ ހަދަން އެހީ ދިނުމާ ގުޅޭ އެއްބަސްވުމުގައި މިދިޔަ ސެޕްޓެމްބަރު މަހު އަދީބު ސޮއި ކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
ބްރިޖާއި އެއާޕޯޓު މަޝްރޫއުގެ މުޅި އަގުގެ ދެ ޕަސެންޓުގެ ކޮމިޝަނެއް އަދީބަށް ލިބޭ ގޮތަށް އެއްބަސްވެފައި ވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުން ހެދީ ބްރިޖާއި އެއާޕޯޓަށް ޗައިނާ އިން ދޭ ލޯނުތަކުން ހަރަދު ކުރާ މަޝްރޫއުގެ ބައިތައް ޗައިނާގެ ކުންފުނިތަކަށް ދޭން ވެގެންނެވެ. އެ ލޯނުތަކުގެ ޖުމްލަ އަދަދު 445 މިލިއަން ޑޮލަރަށް (6.8 ބިލިއަން ރުފިޔާ އަށް) އަރަ އެވެ. އެހެންވެ، އަދީބާއި ޗައިނާގެ އެޖެންޓާ ދެމެދު ކުރި އެއްބަސްވުމުގެ ދަށުން، އަދީބަށް އެންމެ މަދުވެގެން ވެސް 8.9 މިލިއަން ޑޮލަރު (136 މިލިއަން ރުފިޔާ) ކޮމިޝަންގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އެވެ.
އެކަމަކު، މި އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދީބަށް ލިބިވަޑައިގެންނެވި ކަމެއް ނޭނގެ އެވެ.
ޖުމްލަ 33 އަހަރަށް އަދީބު ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އަދި ކޮރަޕްޝަންގެ މައްސަލައެއް ހިމެނެ އެވެ. އެ ކޮރަޕްޝަން މައްސަލައިގައި، އަދީބާ ގާތް ދެ ބޭފުޅުން ކަމަށްވާ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ވަނީ ޖަލަށް ލާފަ އެވެ.
މީގެ އިތުރުން ވެސް، އަދީބު ހިމެނިވަޑައިގަންނަވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
27 June 2016
ކޮރަޕްޝަން ނުހިމެނެނީ ކޮން ޕްރޮޖެކްޓެއްގައި؟ ކޮރަޕްޝަނެއްނެތި މިހާރު ސަރުކާރުން ދޫކުރާ ނަންބަރެއްވެސް ނުލިބޭ، އެހާލަތަށް ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަން ހައްދުފަހަނަޅައިގޮސްފި
ސަކީނާއްތަ
27 June 2016
ކުރީގައި ނަފްރަތުކުރިވަރަށްވުރެ އިތުރަށް މިހާރު ނަފްރަތްކުރަން.
ރިޔާޒު
27 June 2016
އެ ކޮރަޕްޝަން ތަކާ ރައީސް ޔާމީނާ ގުޅުމެއް ނެތް. އޭސީސީ
އޯ
27 June 2016
ޔެސް ތީ ސައްކެއްވެސް އޮތްކަމެއްނޫން، ބަލާނެ، ސުވާލުވެސް ކުރާނެ، ދެންބުނާނެ އަމަނިކުފާނު ގެ އެއްވެސްބައިވެރިވުމެއްނެއް، އަމަނިކުފާނާގުޅުންހުރި އެއްވެސް ހެއްކެއްނެއް. ތިމާމެނަށް ރައްޔަތުން ގުނބޯ ހައްދާފަ ބޭނުންއެއްޗެއްތިޔަހަދަނީ... ތިބޭނަންބަލަން.
ދީދީ
27 June 2016
މެމްބަރަކަށް ލައްކައެއްގެ ރޭޓުން އަގު ކިޔާ ކޮމިޝަނެއްތީ.. ކޮރަޕްޝަނުގަ އަޅާގެންފަ ވެއްޓުނަސް ނޭގޭނެ ތި ކޮމިޝަނަކަށް.
އަލީޝާކިރު
27 June 2016
ކަމަކުދޯ މިނިވަން މުއައްސަސާ ތަކުގެ ވެރިންނައް ރެހެންދި ފުލެޓުދިނީ
މުހައްމަދު
27 June 2016
ކަލޭމެން ތިހެން ބަލަބަލާ ތިއްބާ ބަޔަކަށް އެހެންބަޔަކު ތިކަންކޮށް ދައުވާކޮށް ހުކުމް ކުރަމުން އެއޮއްދަނީ. ތިބޭފުޅުންނަށްވާކަމަކީ ކޮބާ .
ވިސްނާ
27 June 2016
ކޮރަޕްޝަން ލީގަލައިސް ކުރީމަ ރަނގަޅުވާނެ، އިސްވެރިންނަށް މުސާރައިގެ އިތުރުން ރަަށްޔިތުންނަށް ފައިދާހުރިގޮތަށް ހިންގާ ކޮންމެ މަޝްރޫއަކުން ޕަސަންޓް ލިބޭގޮތަށް ހަދާ އެއިރުން ފަހުން ކުށްވެރިނުވާގޮތަށް ނުވަތަ ޖަލަށް ދާން ނުޖެހޭ ގޮތަށް އެމީހުންވެސް ތަންކޮޅެއްގަޔާވެ ކުރާކަމެއް ކުރާނެއެއްނު
ބޭކާރު
27 June 2016
ޔާމީިނުސަރުކާރުދެކެ ބިރުން ރަޖާ އޮޅައިގެން ތިބި ބަޔަކަށް ކުރެވޭނެ ކަމެއް އޮންނާނެތަ. މިގައުމުގެ ތާރީޙުގައިނެތްފަދަ ބޮޑެތި ކޮރަޕްޝަން ހިންގާލިއިރުވެސް އޭސީސީ އޮތީ ހޭނައްތާފަ ތޯޗެ.
ދޮން އާމިރު
27 June 2016
ތިޔަކަންތައް އަދީބުއާހިސާބުން ނިމްމާލާ..