ރިޔާޒް ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް ދެވަނަ އަޑުއެހުން ކެންސަލް

ފޯނެއްް ހުޅުވައި ނުދިން މައްސަލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފުގެ ދެވަނަ އަޑުއެހުން ހައި ކޯޓުން ކެންސަލްކޮށްފި އެވެ.


ރިޔާޒް ވިދާޅުވީ ކުރިން މާދަމާ ހައި ކޯޓުގައި ބާއްވަން ތާވަލުކޮށްފައިވާ މި މައްސަލައިގެ ދެވަނަ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް މިރޭ އެ ކޯޓުން އެންގި ކަމަށެވެ. އަދި ދެން އަޑުއެހުން ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ހައި ކޯޓާ ހަވާލާދީ، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން ހިފަހައްޓައި، އެ ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މީގެ ކުރިން ހައި ކޯޓުގައި ވަނީ ބާއްވައިފަ އެވެ. އެ ދުވަހު ވަނީ ވަކީލަކު ހަމަޖެއްސުމަށާއި ދައުވާ އަށް ޖަވާބުދާރީ ވުމަށް ރިޔާޒަށް ފުރުސަތު ދީފަ އެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ވަކީލަކާ އެކު ރިޔާޒް ހާޒިރުވެ، ދައުވާ އަށް ޖަވާބުދާރީވުމެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.