ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. މަސްތުވާތަކެތި ފެނުނީ އޭނާ އަށް ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި، ފާސް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސުން ބުންޏެވެ.
އޭނާގެ ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންގެ 690 ގުޅަ ވަނީ ފެނިފަ އެވެ. އެ ތަކެތީގެ ބަރުދަނުގައި 71 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުންޏެވެ. އެ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ރާއްޖެ އަންނަ ބިދޭސީން އަތުން ފަހަކަށް އައިސް މަސްތުވާތަކެތި އެތެރެކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ ކުށްތައް ސާބިތުވެ ގިނަ އަދަދެއްގެ ބިދޭސީންގެ މައްޗަށް މިހާރު ވެސް ވަނީ ޖަލު ހުކުމްތައް އައިސްފަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.