އަމީތާއި ސައުދު ދޫކޮށްލައިފި

މިދިޔަ މަހު ހައްޔަރުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދެންމެ ދޫކޮށްލައިފި އެވެ.


އަމީތާއި ސައުދު ދޫކޮށްލީ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކޮށްފައިވާތީ، ހަތަރުވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

އަމީތާއި ސައުދަށް ވެސް ކްރިމިނަލް ކޯޓުން ޝަރުތުކޮށްފައި ވަނީ ރޭގަނޑު 9 އިން އަނެއް ދުވަހުގެ ހެނދުނު 6 އާ ދެމެދު ގެއިން ބޭރަށް ނުކުމެވަޑައިނުގަތުމަށާއި ހެކިވެރިއަކާ ބައްދަލު ނުކުރުމަށް އަދި ކޯޓަށް ހާޒިރުވުމަށް ޝަރުތު ކުރުމަށް ފަހު އެވެ.

ސައުދު މިއަދު މިނިވަންވުމާ އެކު، ފުލުހުންގެ ކަސްޓޯޑިއަލް ސެކްޝަންގެ ބޭރުގައި އިދިކޮޅު ފަރާތްތަކާ އެކު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އަމީތާއި ސައުދު ހައްޔަރު ކުރުމަށް ފަހު، ކޯޓުން މިއަދު މިނިވަންކުރިއިރު، އެ ދެބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލައިފަ އެވެ. އަމީތާއި ސައުދުގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

އަމީތާއި ސައުދު މިއަދު މިނިވަންވުމާ އެކު، ފުލުހުންގެ ކަސްޓޯޑިއަލް ސެކްޝަންގެ ބޭރުގައި، އިދިކޮޅު ފަރާތްތަކާ އެކު ފޮޓޯއެއް ނަންގަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަމީތާއި ސައުދުގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަށް ވެސް އެ ދައުވާ ވަނީ އުފުލައިފަ އެވެ.

ކްރިމިނަލް ކޯޓުން ވައްޑެ ދޫކޮށްލީ އޭނާގެ ފޯނު ނަމްބަރު ދިނުމަށާއި ގާނޫނާ ޚިލާފު ކަމެއް ނުކުރުމަށް ޝަރުތުކޮށެވެ.

މަޖިލިހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލައިގެ އިތުރުން ސައުދަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.

އަމީތާއި ސައުދު މިއަދު މިނިވަންވުމުން، ފުލުހުންގެ ކަސްޓޯޑިއަލް ސެކްޝަންގެ ބޭރުގައި ސްޓެޕިން އައްޔަ އެ ދެ ބޭފުޅުންނާއެކު ސެލްފީއެއް ނަގަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ސައުދަށް އަންނާނެ އެވެ. އޭނާގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ވެސް އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ވަނީ ކޮށްފަ އެވެ.