ފާރިސް ޖަލަށް ގެންދަނީ: ފާރިސް ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސާވިސް އިން --ފޮޓޯ/މިހާރު
21 އޯގަސްޓް 2017 - 14:56
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް، މާފުށީ ޖަލުގައި ބަންދުގައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހާޒިރުކޮށް ދިނުމަށް މަޖިލީހުގެ އިދާރާ އިން އެދިފައި ނުވާ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފާރިސް މާފުށީ ޖަލުގައި ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސާވިސް އިންނެވެ.
މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާތީ އެ ޖަލްސާ އަށް ފާރިސް ހާޒިރުކުރަން މަޖިލީހުގެ އިދާރާ އިން ކަރެކްޝަންސްގައި އެދިފައިވޭތޯ ބެއްލެވުމަށް ވަކީލު މައުމޫން ވަނީ އެ އިދާރާ އަށް މިއަދު ވަޑައިގެންފަ އެވެ. އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ފާރިސް މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ގެންދިއުމަށް ކަރެކްޝަންސްގައި އެދިފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް ސާފުނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަންދުގައި ތިބޭ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހޭނެ އެވެ. އެކަމަކު ފާރިސް ހައްޔަރުކުރި ފަހުން އޭނާ މަޖިލީހަށް ހާޒިރުކޮށެއް ނުދެ އެވެ. ކަރެކްޝަންސް އިން ކުރިން ބުނެފައިވަނީ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މެމްބަރުންގެ އިމްތިިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ކުރިން ބާތިލްކޮށްފައިވާތީ މެމްބަރުން ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
22 August 2017
މަޖިލީހުގެ ރައީސް މަސީހު ފެއިލްވެއްޖެކަން މިއަށްވުރެ ވަކިން ސަރީޙަކޮށް ބުނެވޭނެބާ؟
ޚާން
21 August 2017
ތިހެން ވެދާނެ އަދި ފަހުން ރަނގަޅުވާނެ
ރަދީފް
21 August 2017
ކުރަންނުޖެހޭ ކިތަންމެކަމެއް މާތްﷲގެ އިރާދަފުޅުން 2018ގަ ރައްޔަތުންކުރާނެ.
މަޒް
21 August 2017
ގާނޫނުގައި ލިޔެވިފައި އޮންނަ މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލް ކުރަނީ... އަޖައިބެއް