ކޯޓުގެ އަޑުއެހުމަކަށް ފަހު ފާރިސް ޖަލަށް ގެންދަނީ: އޭނާ ހުންނަނީ ކަރެކްޝަންސްގެ ދަށުން މާފުށީ ޖަލުގައި ބަންދު ކޮށްފައި --ފޮޓޯ/މިހާރު
21 އޯގަސްޓް 2017 - 19:53
މާދަމާ ހެނދުނު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، މިހާރު މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހާޒިރުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްގައި އޭނާގެ ފަރާތުން ވަކީލް މައުމޫން ހަމީދު އެދިވަޑައިގެންފި އެވެ.
ފާރިސްގެ ވަކީލު އަދި ބޮޑުބޭބެ މައުމޫން، ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަން ފާރިސް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އޭނާއަށް އެކަން ހަމަޖައްސައިދިނުމަށް ސިޓީގައި މައުމޫން އެދިވަޑައިގެންފައިވެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސް މާފުށީ ޖަލުގައި ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސާވިސް އިންނެވެ.
މާދަމާގެ ޖަލްސާއަށް ފާރިސް ހާޒިރުކުރަން މަޖިލީހުގެ އިދާރާ އިން ކަރެކްޝަންސްގައި އެދިފައިވޭތޯ ބަލައިދިނުމަށް މައުމޫން ވަނީ އެ އިދާރާ އަށް މިއަދު ވަޑައިގެންފަ އެވެ. އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ފާރިސް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށްދޭން ކަރެކްޝަންސްގައި އެދިފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަންދުގައި ތިބޭ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހޭނެ އެވެ. އެކަމަކު ފާރިސް ހައްޔަރުކުރި ފަހުން އޭނާ މަޖިލީހަށް ހާޒިރުކޮށެއް ނުދެ އެވެ. ކަރެކްޝަންސް އިން ކުރިން ބުނެފައިވަނީ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މެމްބަރުންގެ އިމްތިިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ކުރިން ބާތިލްކޮށްފައިވާތީ މެމްބަރުން ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy