މެމްބަރަކު ހާޒިރުކޮށްގެން ރިޝްވަތުގެ ތަހުގީގު ކުރަންޏާ އޭސީސީގެ މެމްބަރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

ރަށްްތައް ދޫކޮށްގެން ވަގަށް ނެގި ފައިސާ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް ވިދާޅުވި މެމްބަރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސުވާލު ކުރަން ނިންމުމުން ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.


އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެގި ފައިސާ ހިފައިގެން މެމްބަރުން ކައިިރި އަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އެ ހުރިހާ ބޭފުޅުން ފައިސާގައި ހިފި ކަމަށެވެ.

މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

އޭސީސީން ދަނީ އެ މައްސަލަ ވަކިން ބަަލަމުންނެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެމްބަރު އިސްމާއިލްއާ ސުވާލު ކުރަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެކަން މީޑިއާގައި އިއްޔެ ރިޕޯޓު ކުރުމާ އެކު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވައިބަ ގްރޫޕުގައި ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ މެމްބަރުން އެ ގޮތަށް ހާޒިރުކޮށް، ސުވާލު ނުކުރެވޭނެ ކަމަށެވެ. އޭސީސީން އެކަން ކުރަނީ، އޭނާ ސިފަ ކުރެއްވި ގޮތުގައި، މެމްބަރުންގެ އަބުރު ކަތިލާށެވެ.

އަސްމާ ވަނީ އޭސީސީގެ މެމްބަރުން ތަސައްރަފު ނުފުދޭ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ގާބިލްކަމާ މެދު ވެސް ޝައްކު އުފައްދަވާފަ އެވެ.

"އެންޓި ކޮރަޕްޝަން ކުރާނެ ކަމެއް ނެތިއްޔާ ތި ތަނަށް ގެނައި ގޮތަށް ގެޔަށް ވެސް ފޮނުވި ދާނެ،" އެއް މެސެޖުގައިވެ އެވެ.

މެމްބަރު އަސްމާ ޕީޕީއެމް ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖުތަކެއް: އޭނާގެ އިތުރުން ވެސް ބައެއް މެމްބަރުން އޭސީސީއާ ދެކޮޅަށް ނުރުހުން ފާޅުކުރެއްވި.

އަސްމާގެ އިތުރުން ވެސް ޕީޕީއެމްގެ ބައެއް އެހެން މެމްބަރުން ވެސް އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށް ވެ އެވެ.

މި މައްސަލައިގެ އިތުރުން ވެސް އޭސީސީން ދަނީ އަދީބު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނާއި އެކަމާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެ ތަހުގީގުތަކަށް ގުޅުން ހުރި އެކި ފަރާތްތަކާ އޭސީސީން ދަނީ ސުވާލު ކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިޑައިގަންނަވަ އެވެ.