ހަވާލު ވާނެ ފަރާތެއް ނެތި ހަތަރު ދިވެއްސަކު މައްކާގައި ހާލުގައި ޖެހިފައި

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާ އަށް އިއްޔެ އައި ހަތަރު މީހަކު، ހަވާލުވާނެ އެއްވެސް ފަރާތެއް ނެތި މައްކާގައި ހާލުގައި ޖެހިއްޖެ އެވެ.


ދިވެހިރާއްޖޭގެ ހައްޖު މިޝަންގެ ރައީސް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އަހްމަދު ވިދާޅުވި ގޮތުގައި ދެމަފިރިއަކާއި އެހެން ދެ ރަށެއްގެ، އުމުރުން ދުވަސްވީ ދެ މީހަކު އިއްޔެ ސައޫދީ އަރަބިއްޔާ އަށް އައީ، މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި އެވެ.

އިބްރާހީމް ވިދާޅުވި ގޮތުގައި އެ މީހުންނަށް ސައޫދީ އަށް އާދެވުނީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީގެ ނަމުގައި ވިސާ ޖަހައިދީފައި އޮތުމުންނެވެ. ނަމަވެސް އެއީ ކިހިނެއް ހިނގާފައި އޮތް ކަމެއް ކަން ނޭނގޭ ކަމަށް އިބްރާހީމް ވިދާޅުވި އެވެ.

"އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ދެމަފިރިން އެބަ ބުނޭ އެމީހުން ހައްޖަށް ފޮނުވުމަށް ފައިސާ ނެގީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނަސްރުﷲ ކަމަށް. އަދި ހައްޖަށް ދެވޭނެ ކަމަށް ނަސްރު ލިޔުމެއް ވެސް ދިން ކަމަށް. އެ ދެމީހުން ބުނާ ގޮތުގައި މީހެއްގެ އަތުން 70 ހާސް ރުފިޔާ ނެގި. ދެން ޖިއްދާ އަށް ގޮސްފައި ގުޅާށޭ ކިޔާފައި ދިން ކަމަށް ވަނީ، ސިސިލްފަރު ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ އިރުޝާދުގެ ނަންބަރު،" އިބްރާހީމް ވިދާޅުވި އެވެ.

"މި ކޮޅަށް އައިސް ސިމެއް ނަގައިގެން އިރުޝާދަށް ގުޅީމާ ވިދާޅުވިޔޯ ޓެކްސީއެއް ނަގައިގެން މައްކާ އަށް އަންނާށޭ. އެކަމު އެމީހުން ތިބީ ހަވާލުވާނެ ފަރާތެއް ނެތީމާ އެއާޕޯޓުން ނުނިކުމެވިފައި. ދެން އަޅުގަނޑުމެން މިޝަންގެ ފަރާތުން އެއާޕޯޓަށް ގޮސް ވަރަށް މަސައްކަތުން އެމީހުން ނެރެވުނީ. އެއީ ވެސް އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތީމަ."

އޭނާ ވިދާޅުވި ގޮތުގައި އެ މީހުންނާ ހަވާލު ވާނެ ބަޔަކު ނެތުމުން، ސިސިލްފަރު ޖަމާއަތުން މިހާރު ވަނީ ވަގުތީ ގޮތުން އެ ޖަމާއަތުގެ ހޮޓަލުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. އަދި އެމީހުން ސައޫދީ އަށް ފޮނުވި އިރު، އެމީހުން ތިބޭނެ ހޮޓަލެއްގެ ކަންތައް ވެސް ހަމަޖައްސާފައި ނެތް ކަމަށް ވެސް އިބްރާހީމް ވިދާޅުވި އެވެ.

"ދެން ތިބި ދެމީހުންނަކަށް ނޭނގެ ވާނުވާއެއް ވެސް. ނެގީ ކިހާ ފައިސާއެއް ކަމެއް ވެސް، ފައިސާ ނެގީ ކާކު ކަމެއް ވެސް އެ ދެ މީހުންނަކަށް ނޭނގޭ. އެންމެ ކުޑަމިނުން ފައިސާ ނެގި ކަން ވެސް ބުނެދޭކަށް ނޭނގެ. ވަރަށް މުސްކުޅި ދެ މީހުން. އަނެއްކާ އެއީ އެއްވެސް ގުޅުމެއް ވެސް ނެތް، މުޅިން ތަފާތު ދެ ރަށެއްގެ ދެ މީހުން. އެ ދެ މީހުންގެ ހަވާލުގައި ވެސް މީހަކު ނާދެ،" އިބްރާހީމް ވިދާޅުވި އެވެ.

އެ ދެ މީހުންނަކީ އުމުރުން 74 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެކެވެ. ދެން ތިބި ދެމަފިރިންނަކީ 37 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ.

"އަޅުގަނޑު މިހާރު ދިވެހި އެމްބަސީގައި ވެސް ބުނެފިން އެ ހަތަރު މީހުން ހާލުގައި ޖެހިފައި ތިބި ވާހަކަ. އެއީ އެމީހުން ތިބޭނެ ތަނެއް ނެތީމަ، ހަވާލުވާނެ މީހަކު ނެތީމަ. ސިސިލްފަރުން ވެސް އެ ހަމަޖެހުނީ އެއް ދުވަހު ތިބެވޭނެ ގޮތް."

އޭނާ ވިދާޅުވި ގޮތުގައި އެ ހަތަރު މީހުން ޖިއްދާ އެއާޕޯޓަށް އައީ އިއްޔެ ހަވީރު އެވެ. އަދި އެ ހަތަރު މީހުން މިހާރު މައްކާ އަށް ގެނެސް އުމްރާގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި ހަރަމްފުޅަށް ފޮނުވާފައިވާ ކަމަށް އިބްރާހީމް ވިދާޅުވި އެވެ.