ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަންސް ބާއްވަން ނިންމައިފި

ހިޔާލު ތަފާތުވެފައިވާ ހަތަރު ދާއިރާއެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


އެ ކޮމިޝަނުން މިރޭ އެގޮތަށް ނިންމީ މެމްބަރު ކަން ގެއްލިއްޖެ ކަމަށް އެ ކޮމިޝަނުން ނިންމި ހަތަރު ދާއިރާ ކަމަށްވާ، ވިލިނގިލި، ދިއްދޫ، މަޑުއްވަރީ އަދި ތުލުސްދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި އެ ދާއިރާތަކުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިރޭ ނިންމާފައި ވަނިކޮށެވެ. އެހެން ނަމަވެސް، ސުޕްރީމްް ކޯޓުން އެ މައްސަލަ ނިންމާފައި އާންމުކުރި ބަޔާނުގައި، ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނުގެއްލޭ ކަން ވެސް ސީދާ ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ. އަދި އެ ދާއިރާގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގޮނޑިތައް ނުގެއްލޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މެމްބަރު ކަމުގެ ގޮނޑިއާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިރޭ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންސް މަޑުޖައްސާލާފައި ވަނީ އެ އިލެކްޝަނާ ގުޅުން ހުރި މައްސަލަތަކެއް ސުޕްރީމް ކޯޓުން ބަލަމުން ދާތީ އެވެ.

ޕީޕީއެމުން ވަކިިކުރުމާ ގުޅިގެން، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެމްބަރުން ކަމަށްވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމްގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އާއި ދަގެނތީ ދާއިރާގެ އިލްހާމް އަހުމަދެވެ. އެކަމަކު މި ދެ ދާއިރާގެ ބައި އިލެކްޝަންސް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.