އެމްއެންޑީއެފުން އުސް ފަސްގަނޑުގައި ހެދި ހެލިޕޭޑަށް ބަލި މީހަކު ގޮވައިގެން ދަތުރުކުރި ސިފައިންގެ ހެލިކޮޕްޓަރު ފުރަތަމަ ފަހަރަށް މިއަދު ޖައްސައިފި އެވެ.
މިއަދު ހަވީރު އެ ހެލިކޮޮޕްޓަރުގައި ގެނައީ ހާލު ދެރަވެގެން ދ. ބަނޑިދޫން މާލެ އަށް އުފުލި ބަލިމީހެކެވެ.
މާލޭގެ ހެލިޕޭޑަށް ހެލިކޮޕްޓަރު ޖައްސާތަން ބަލަން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ކުރިން ވިދާޅުވި ގޮތުގައި މާލެއަށް ހެލިކޮޕްޓަރު ސީދާ ޖެއްސޭ ގޮތް ވުމަކީ ބަލިމީހުން އަވަހަށް ހޮސްޕިޓަލަށް ގެންދަން ލިބޭނެ ފަސޭހައެކެވެ. ކުރިން ބަލި މީހުން އުފުލައިގެން ދަތުރުކުރާ ހެލިކޮޕްޓަރުތައް ޖައްސަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އެމްއެންޑީއެފަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވަނީ އިންޑިއާ ސިފައިންނެވެ. ބަލި މީހުން އުފުލުމުގެ އިތުރުން އެހެން ބައެއް ކަންކަމުގައި ވެސް މި ހެލިކޮޕްޓަރުތައް ބޭނުންކުރެ އެވެ.