އިމިގްރޭޝަންގެ ކަންކަން ނުނިމޭތީ ގާސިމް އެޑްމިޓް ނުކުރެވިފައި

ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވީ އެންމެ އަވަހަކަށް އެޑްމިޓްކުރަން ޖެހުނު ނަމަވެސް، އިމިގްރޭޝަންގެ ކަންކަން ނުނިމޭތީ އެކަން ނުކުރެވިފައިވާ ކަމަށް އޭނާގެ ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.


ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް ފަރުވާ ދެއްވަމުން ގެންދަވާ، ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް މިއަދު ގާސިމް އަލުން ބެއްލެވުމަށް ފަހު ދެއްވި ލިޔުމެއްގައި ވިދާޅުވީ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވުމުން، ވީހާވެސް އަވަހަކަށް އޭނާގެ އޮޕަރޭޝަން ކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އަދި ގާސިމް މިހާރު ހުންނެވި ހާލަތުން ހާޓް އެޓޭކެއް ނުވަތަ ކުއްލިއަކަށް މަރުވުމުގެ ރިސްކު އޮތުމުން ސިންގަޕޫރުގައި ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރަން ޑޮކްޓަރު ޗުން ލެންގް ވަނީ ލަފާ ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ގާސިމް އިއްޔެ އެޑްމިޓް ކުރަން މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު އެކަން ލަސްކުރެއްވީ، ސިންގަޕޫރުގައި ގާސިމް މަޑުކުރައްވަން ޖެހޭ މުއްދަތު އިތުރުކުރަން އިމިގްރޭޝަނުން ނިންމަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

އަނބުރާ މާލެ ވަޑައިގަތުމަށް ގާސިމްގެ ސިއްހީ ހާލުކޮޅު ތަންނުދޭކަން ފާހަގަކުރައްވައި އެ ލިޔުމުގައި ޑޮކްޓަރު ވިދާޅުވީ އެކަށީގެންވާ ފަރުވާ ހޯއްދެވުމަށް ގާސިމް މަދުވެގެން 2-3 މަސް ސިންގަޕޫރުގައި މަޑުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ބޭސްފަރުވާ އަށް ގާސިމް ތިން މަސް ދުވަސް ވަންދެން ސިންގަޕޫރުގައި މަޑުކުރެއްވުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގައިފަ އެވެ.

ގާސިމްގެ އާއިލާ އަށް ކަރެކްޝަންސް އިން ފޮނުވި ސިޓީއެއްގައި، ގާސިމް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަން ދިން 10 ދުވަހުގެ މުއްދަތު އިތުރުކުރެވެން ނެތް ކަމަށް ބުނެފައިވާ އިރު އެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ.

ކަރެކްޝަންސްގެ އެ ނިންމުން މުރާޖައާ ކުރުމަށް ގާސިމްގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ތިން އަހަރުގެ ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.