ރޮހިންޖާ ފަންޑަށް ލިބުނު ފަސް މިލިއަން ރުފިޔާ ރެޑް ކްރެސެންޓާ ހަވާލުކޮށްފި

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހުޅުވި ފަންޑަށް ލިބުނު 5.1 މިލިއަން ރުފިޔާ ދިވެހި ރެޑް ކްރެސެންޓާ މިރޭ ހަވާލުކޮށްފި އެވެ.


މިދިޔަ އާދީއްތަ ދުވަހުން ފެށިގެން 30 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނަށް 5،167،645.26ރ. ރައްޔިތުން ހަދިޔާކޮށްފައިވެ އެވެ. މާބްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފައިސާގެ ރަމްޒީ ޗެކު ރެޑް ކްރެސެންޓާ ހަވާލުކޮށްދެއްވީ ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމެވެ.

ސަލީމް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ފައިސާ ފަންޑަކަށް ހަދިޔާކުރުމަކީ ހާލުގައި ޖެހިފައިވާ މުސްލިމުންނާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް ރުހުމާއި އޯގާތެރިކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.

"މި ފައިސާ ބޭނުންކުރަން ހަމަޖައްސާފައި ވަނީ ބޯފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާ ފަދަ ކަންކަމަށް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ރެޑް ކްރެސެންޓާ ހަވާލުކުރީ އިތުބާރާ އެކު ވީހާވެސް އަވަހަށް ފައިސާ ފޯރުކޮށްދެވޭނީ އެ ޖަމާއަތަށް ކަމަށްވާތީ އެވެ. އެ ފައިސާ ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ޖަމާއަތުން ވެސް ވަނީ ދީފަ އެވެ.

މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ހިންގި ޓެލެތޯނާ ބެހޭ ގޮތުން އެ ސްޓޭޝަންގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވީ ފަންޑުގެ ހުރިހާ ކަމެއް ގެންދިޔައީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން ކަމަށެވެ. ރޮހިންޖާ އަށް ދިވެހިން ދިން ފައިސާ ރެޑް ކްރެސެންޓާ ހަވާލުކުރީ ވަރަށް އަމާނާތްތެރިކަމާ އެކު ދެފުށްފެންނަ ގޮތަށް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ކުރު މުއްދަތެއްގައި މިހާ ގިނަ އަދަދެއްގެ ފައިސާ އެއްކުރެވުނު، ވަރަށް ކާމިޔާބު ޓެލެތޯނެއް މިއީ،" ފިޔާޒް ވިދާޅުވި އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން ވެސް ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ. މި ހަރަކާތްތަކަށް ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދާނެ އެވެ. މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަނގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.