މި އަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު
16 ސެޕްޓެމްބަރ 2017 - 16:41
އިއްޔެ އިރުއޮއްސެނިކޮށް މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ އެވެ.
މަގު ހުރަސް ކުރަނިކޮށް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނީ ތ. އޮމަދޫ ދޫރެސް، އަބްދުﷲ އަންވަރު 66، އަށެވެ. އެކަމަކު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ތިން މީހަކު ހޮޓަލަށް އައި މަގުމަތީގައި ހޮޓެލް ކައިރީ އޮންނަ ބޮޑު މަގު ހުރަސް ކުރަނިކޮށެވެ. އެ ވަގުތު އޭނާ މަގު ހުރަސް ކުރީ އިތުރު ދެ އަންހެނަކާ އެކުގަ އެވެ.
ތިން މީހުން މަގު ހުރަސްކޮށްލި ވަގުތު އޭނާ އަށް ހުރެވުނީ ތަންކޮޅެއް ފަހަތުގަ އެވެ. މަގުގެ ވަކި ހިސާބަކަށް ނުކުތްތަނާ ކާރެއް އަންނާތީ އަންވަރު ކުޑަކޮށް މަޑުޖެހިލީ އެވެ. އެ ވަގުތު ބާރު ސްޕީޑްގައި އައި ކާރުން ޖެހިފައި އޭނާ ވިއްސައިގެން ދިޔައީ އެވެ. މި އެކްސިޑެންޓުގައި އަނެއް ދެ އަންހެނުންނަށް ގެއްލުމެއް ނުލިބެ އެވެ.
އަންވަރު އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާ ދީ ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އަންވަރުގެ ހަށިގަނޑުގެ އެއްވެސް ތަނެއް ބިނދިފައެއް ނެތެވެ. އަދި ސީޓީ ސްކޭން ހަދައިގެން ބެލިއިރު ސިކުނޑި އަށް ވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތީ ހަމައެކަނި އޮބްޒަވޭޝަނަށް ކަމަށް ވާތީ މިއަދު ހަވީރު ނުވަތަ މިރޭ އޭނާ ދޫކޮށްލާނެ ކަމަށް ލަފާ ކުރެވެ އެވެ.
އަންވަރަކީ ރާއްޖެ އަށް ފަހުން ލިބުނު ކޯޓާގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކެވެ. މިހާރު ދިވެހިންގެ ތެރެއިން މައްކާގައި ތިބީ ފަހު ކޯޓާގައި ދިޔަ 300 މީހުންނެވެ. އެ މީހުން ރާއްޖެ އަންނާނީ މި މަހުގެ 29ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
17 September 2017
އަލްޙަމްދު ލިއްﷲ