ބިލެތްފަހީގެ އިންޖީނުގޭގައި ރޯވެ އަނދައި ހުލިވެއްޖެ

ށ. ބިލެތްފަހީގެ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ރޯވެ އަނދައި ހުލިވެއްޖެ އެވެ.


ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންޖީނުގޭގައި ރޯވާން ދިމާވީ، ތިން އިންޖީނުގެ ތެރެއިން އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އިންޖީނުގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

"އިންޖީނުގޭގެ ފުރާޅު ވެސް އެ އޮތީ ވެއްޓިފައި. ފާރުގައި ކިރިޔާ ޖެހިލިޔަސް ވެއްޓޭނެ މިހާރު. ފާރުގަައި ރެނދުލައި މުޅި އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައި،" ޝަރީފް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގައި ފެނަކަ އިން ހިންގަމުން އައި އިންޖީނުގޭގައި ރޯވެ އަނދަގައި ހުލިވުމުން މިހާރު އެ ރަށުގެ ރައްޔިތުން ތިބީ ކަނު އަނދިރީގައި ވަރަށް ދަތި ހާލުގައި ކަަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ބިލެތްފަހީގެ އިންޖީނުގޭގައި މިރޭ ރޯވެ އަނދަނީ.---ފޮޓޯ: ބިލެތްފަހި ކައުންސިލް

"ކިރިޔާ ވެސް ނުކުމެ އުޅެވޭ ވަރުގެ މީހެއް ވެއްޖިއްޔާ އައިސް މިތިބީ އިންޖީނުގެ ކައިރީގައި،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ރޯވި އިންޖީނުގެ އިތުރުން ދެން ހުރި ދެ އިންޖީނު ވެސް އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހޫނުވެ، ގެއްލުން ވެފައިވާނެ ކަމަށް ބެލެވެ އެވެ. އެއީ 80 އާއި 120 ކިލޯވޮޓުގެ ދެ އިންޖީނެވެ.

"އެހެންވެ އެ ދެ އިންޖީނު ވެސް މިވަގުތަކަށް ބޭނުމެއް ނުކުރެވޭނެ. ކުއްލިއަކަށް ކަރަންޓު ދިޔައީމާ، އެވަގުތު ޑިއުޓީގައި ތިބި މީހުން އިންޖީނުގެ އިން ބޭރަށް ނުކުމެފައި އެތެރެއަށް ވަން އިރު އިންޖީނުގައި ހުރީ ރޯވެފައި،" ހާދިސާ ހިނގި ގޮތް ކިޔައި ދެއްވަމުން ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކަ އިން މިހާރު ވާހަކަ ދައްކަމުން އަންނަނީ އެހެން ރަށަކުން ވަގުތީ ގޮތުން ބިލެތްފައްސަށް އިންޖީނެއް ގެންގޮސް ވީހާވެސް އަވަހަކަށް ޚިދުމަތް ދެވޭތޯ އެވެ. އެކަމަކު އެކަމަށް ނަގާނެ އިރެއް އަދިއެއް ނޭނގެ އެވެ.