ރޭ ވަޅި ހަރައި ޒަހަމް ކޮށްލި ޒުވާނާގެ ހާލު ރަނގަޅު

ވަޅިން ހަމަލާ ދީ ރޭ ޒުވާނަކު މަރައިލި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.


އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 24 އަހަރުގެ އެ ޒުވާނާގެ އޮޕަރޭޝަނެއް ކޮށްފައިވާ އިރު އޭނާގެ ހާލު ރަނގަޅުވަމުން ކަމަށެވެ.

"ޑޮކްޓަރުން ވިދާޅުވަނީ އޭނާ ސްޓޭބަލް ކަމަށް. ތަފްސީލް ދެވޭކަށް ނެތް." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާފަންނު އައިޓަމްސް ފިހާރަ ކައިރިން، ޝާރިއު ވަރުދީ ކިޔާ މަގުގައި ހިންގި މި މާރާމާރީގައި ޒަހަމްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހްމަދު، 19، އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި މިހާރު ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

މި ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި އާއި ހަމަލާ ދިން މީހުން ދުއްވި ދެ ސައިކަލު މަގުމައްޗަށް ދޫކޮށްލުމަށް ފަހު އެ މީހުން ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ.

މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ.