މެމްބަރު ނާޒިމް ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.


ނާޒިމަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ސުވާލު ކުރުމަށް އަންނަ ބުރާސްފަތި ދުވަހު 2:30ގައި ފުލުސް އޮފީހަށް ހާޒިރު ވުމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގި އިރު، ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓު ވެސް އިއްޔެ ވަނީ ހިފަހައްޓާފަ އެވެ.

އޭނާގެ މައްޗަށް ތަހުގީގު ހިންގަނީ މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކަށް ފިއްލަވައިގެން އަރީފް ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނެ މި އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.

ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނެ ދައުވާކުރަނީ ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މުހައްމަދު އިބްރާހިމް ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ.

މީގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރެ އެވެ.