ހިތަދޫގައި އެކްސިޑެންޓްވި އަންހެންމީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލައިފި

އައްޑޫ ހިތަދޫގައި އިއްޔެ ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަހްމަތަކެއް ލިބުނު ޒުވާން އަންހެންމީހާ އިތުރު ފަރުވާ އަށް މިއަދު މާލެ ފޮނުވާލައިފި އެވެ.


ހިތަދޫ ގަނޑުވަރު، ފާތުމަތު ރައްޔާ، 19، މާލެ ފޮނުވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެވެ. އެކްސިޑެންޓުގައި އޭނާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރަށް ދަތްދޮޅި ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

އެޗްއާރްއެޗްގެ މެނޭޖަރު މުހައްމަދު ނަޖީބް މިއަދު ވިދާޅުވީ ރައްޔާ މާލެ ފުރުވައިލިއިރު ވެސް، ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.

"އިމްޕްރޫވްމަންޓެއް ނާދޭ. އެމްއާރްއައި ވެސް ހަދަން ޖެހޭތީ މާލެ ފޮނުވާލީ. އިތުރު ޓެސްޓްތައް ހެދީމަ ބޮލަށް ވެސް ލިބިފައި ހުރި ގެއްލުމުގެ ތަފުސީލެއް އެނގޭނީ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ކުރިމަތީގައި އެކްސިޑެންޓުވީ ދެ އަންހެނަކު ތިބި ސައިކަލް، އެ ފިހާރަ ކުރިމަތިން އޮންނަ ގޯޅި އަޅަނިކޮށް، ކުރިމަތިން ބާރު ސްޕީޑްގައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. ބޮޑުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލްގައި ތިބީ ދެ ފިރިހެނުންނެވެ.

މި ހާދިސާ ހިނގި މަންޒަރު ދައްކުވައިދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ދެ އަންހެ،ނުން ތިބި ސައިކަލް ކުރިމަތިން ދިޔަ ސައިކަލްގައި ޖެހުމާ އެކު އެ މީހުން ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓެ އެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި ރައްޔާ އިނީ ސައިކަލްގެ ފަހަތުގަ އެވެ.

އެކްސިޑެންޓްވެގެން ހަތަރު މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އަނެއް ތިން މީހުންނަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ. އަދި އެ މީހުންނަށް ލިބިފައި ހުރި ކުދިކުދި ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.