ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން ފާތުމަތު ޒޭނާ ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޒޭނާ ވަކިކުރަން މަޖިލީހަށް މި ހުށަހެޅީ، އުމުރުން ދުވަސްވީ މީހުންނާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވަން ރަސްފަންނުގައި ރޭ ބޭއްވި ހަފުލާގެ އިންތިޒާމްތަކުގައި އިސްކޮށް އޭނާ އުޅުއްވުމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމަށް އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީގައި ވިދާޅުވީ ރައީސްގެ ހަފުލާގެ އިންތިޒާމްތަކުގައި ފާޅުގައި ޒޭނާ އުޅުއްވުމުން އޭނާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ރައީސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާއަކީ ބްރޯޑްކޮމްގެ ހަފުލާއަކަށް ނުވާތީވެ، އިންތިޒާމްތަކުގައި ޒޭނާގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"ފާތުމަތު ޒޭނާއަކީ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން އޭނާގެ ނަން ހުށަހެޅުނުއިރު ވެސް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިންތިޒާމްކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތަކަށް ވެފައި އަދި ކޮމިޝަން އައްޔަންވުމަށް ފަހުގައި ވެސް އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ މިފަދަ ސިޔާސީ ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވާކަމީ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިދާ ކަމެކެވެ،" އެމްޑީޕީގެ ސިޓީގައިވެ އެވެ.
ބްރޯޑްކޮމްގެ ނިންމުންތަކަކީ އިންސާފުން ބޭރު، ސިޔާސީ ނުފޫޒު އޮވެގެން ނިންމުންތަކެއް ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ޕީޕީއެމްގެ އިވެންޓެއް އިންތިޒާމްކުރަން ޒޭނާ އިސްވެ ހަރަކާތްތެރިވެވަޑައިގެންފައިވާތީވެ އެ ތުހުމަތުތަކަކީ ސައްހަ ވާހަކަތަކެއް ކަން ސާފުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ސިޓީގައި ބުނީ ޒޭނާ ވަކިކުރަން އެދުނީ ގާނޫނުގައި މަތިކޮށްފައިވާ ގޮތަށް ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު ޒޭނާ އަށް މަސއްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.
ޒޭނާގެ އިތުރުން މިހާރު ބްރޯޑްކޮމްގައި ހިމެނޭ ބައެއް މެމްބަރުން ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާން މުލިއާގެއިން ނުކުމެގެން ދާ ފޮޓޯތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ.