ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" އަނެއްކާވެސް ހުޅުވައިފި

ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާކޮށްފައިވާތީ އެ ފައިސާ ހޯދަން "އަބުރުފުޅު ފަންޑު" ނަމުގައި އަނެއްކާވެސް މިއަދު ފަންޑެއް ހުޅުވައިފި އެވެ.


އެ ސްޓޭޝަން ތިން ވަނަ ފަހަރަށް ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކުމުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވަނީ ރައްޔިތުން ނުކުމެ ރައީސް ޔާމީން އެ މަގާމުން ދުރުކުރުމަށެވެ.

މީގެކުރިން ދެ ފަހަރަށް އެ ސްޓޭޝަން ޖޫރިމަނާކުރި ފައިސާ ވެސް ދެއްކީ "އަބުރު ފަންޑު"ން ލިބުނު ފައިސާ އިންނެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވީ ފުލުފުލުގައި އެ ސްޓޭޝަން ޖޫރިމަނާކުރަމުން ދަނީ ވަކި ނުފޫޒަކާ ހެދި އިންސާފުން ބޭރުން ކަމަށެވެ. އެއީ، ރާއްޖެ ޓީވީ ނައްތާލަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން ވެސް ގަބޫލުކުރޭ ރާއްޖެ ޓީވީ ކޮންމެ ފަހަރަކު ޖޫރިމަނާ މިކުރަނީ ނާއިންސާފުންކަން. ރާއްޖެ ޓީވީގެ ބެލުންތެރިން، ރާއްޖެ ޓީވީ ދެކެ ލޯބިވާ މީހުން ތިބީ މިނިވަން ނޫސްވެރިކަން ނައްތާލަން ޖާގަދޭގޮތަކަށް ނޫން،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަންޑް ފޮށި ބަންދުކުރާނީ ބްރޯޑްކޮމް އަށް އިން ހަމަކުރަން އެންގި 500،000ރ. ހަމަވުމުންނެވެ.

އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެފައި ވަނީ މި އަހަރު އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މީހުންގެ އަބުރާ ބެހުނު ކަމުގެ ޝަކުވާ ކަމަށެވެ. ހިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 32 ޝަކުވާއެއް ބެލި އިރު މިހާތަނަށް އެންމެ ގިނައިން ގާނޫނާ ހިލާފުވެފައި ވަނީ ރާއްޖެ ޓީވީ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.