ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު"އަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިދިޔަ އަހަރުގެ ގިނަ އެވޯޑުތަކެއް "މިހާރު" ގެ ނޫސްވެރިންނަށް ރޭ ލިބިއްޖެ އެވެ.


މިދިޔަ އަހަރުގެ އެންމެ ފާހަގަކުރެވޭ ނޫސްވެރިންނަށް އެވޯޑު ދިނުމަށް އެމްއެމްސީން ބޭއްވި ހަފުލާގައި "މިހާރު" އިން ވަނީ ފަސް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފަ އެވެ.

އެއީ އިޖުތިމާއީ ދާއިރާއިންނާއި ޝަރުއީ ދާއިރާއިންނާއި ކުޅިވަރާއި ސިޔާސީ ދާއިރާ އަދި އެންމެ މޮޅު ފީޗާ ލިޔުމުންނެވެ.

ޝަރުއީ ދާއިރާގެ އެވޯޑު ހޯދި މިހާރު ނޫހުގެ މުއިއްޒަށް (ކ)، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިޖުތިމާއީ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވުނީ "މިހާރު" ގެ އާސިޔަތު މުހައްމަދު ސައީދެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ވިޔަފާރީގެ ރޮނގުން ވެސް އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ވެސް ހޯދައިފަ އެވެ.

ޝަރުއީ ދާއިރާގެ އެވޯޑު މި އަހަރު ވެސް އުފުލައިލީ "މިހާރު"ގެ މުއިއްޒު އިބްރާހިމެވެ. މިއީ ޖެހިޖެހިގެން މި އެވޯޑް މުއިއްޒު ހޯދި ދެވަނަ އަހަރެވެ.

ކުޅިވަރުގެ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ ޝަރަފު ހޯދީ ވެސް "މިހާރު" ގެ އައްޒާމް އަލިފުޅެވެ. މިއީ އޭނާ ވެސް ޖައްސަޖައްސައިގެން މި އެވޯޑް ހޯދި ދެވަނަ އަހަރެވެ.

އުއްމީދީ ނޫސްވެރިޔާގެ އެވޯޑު ހޯދި އަވަސް ނޫހުގެ މޫސައަށް، އެމްއެމްސީގެ ރައީސް މުއީދު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިޔާސީ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ވީ "މިހާރު"ގެ އަލީ ނާފިޒެވެ.

އަދި އެމްއެމްސީން މިއަހަރު އަލަށް ތައާރަފްކުރި ފީޗާ ލިޔުމުގެ ދާއިރާ އިން އެވޯޑު ހޯދީ ވެސް "މިހާރު"ގެ ނިއުމަތުﷲ އިދުރީސް އެވެ.

މިރޭ ބޭއްވި ހަފުލާގައި އެމްއެމްސީން ވަނީ އެންމެ މޮޅު ފޮޓޯގްރާފަރާއި ވީޑިއޯ ޖާނަލިސްޓާއި ވިޔަފާރީގެ ރޮނގުން ވެސް މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިން ހޮވައިފަ އެވެ.

ކުޅިވަރުގެ ދައިރާއިން އެވޯޑު ހޯދި "މިހާރު" ނޫހުގެ އައްޒާމަށް ފެއަރީ އަހުމަދު ޒާހިރު އިނާމު ހަވާލުކޮށްދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކީ ސަން އޮންލައިންގެ ފަޔާޒު މޫސާ އެވެ. އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ވީޓީވީގެ އަމިނަތު އަމީނާ އަދި ވިޔަފާރީގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިއަކަށް ހޮވުނީ ސަން އޮންލައިންގެ މާހިލް މުހައްމަދެވެ.

އެންމެ އުއްމީދީ ނޫސްވެރިއަކަށް ހޮވުނީ "އަވަސް" އޮންލައިންގެ މޫސާ ރަޝީދެވެ. އޭނާގެ އެވޯޑު ވަނީ، ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދަށް ޚާއްސަކޮށްފަ އެވެ.

ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމް ހޯއްދެވީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ނެރެމުން އައި އާފަތިސް ނޫހުގެ މަސްއޫލުވެރިޔާ އައްބާސް އިބްރާހީމަށެވެ.

ނޫސްވެރިކަމުގެ އެވޯޑް ލިބުނު ކޮންމެ ކެޓަގަރީއަކަށް ވެސް ގިނަ އިނާމްތަކެއް ދީފައި ވެ އެވެ. ބީއެމްއެލްއިން 15،000ރ. ދީފައިވާއިރު ދިރާގުން ވަނީ އެއް އަހަރު ދުވަހުގެ އިންޓަނެޓް ޕެކޭޖެއް ދީފަ އެވެ. އަދި އިންޑިއާ ހައިކޮމިޝަނުން އިންޑިއާ ދަތުރެއް ވެސް ވަނީ ދީފަ އެވެ.