"މިހާރު"ގެ މުހިންމު ތިން ލިއުމެއް، އެއް ލިއުމަށް އެވޯޑް

ރަސްމީ މަސައްކަތްތަކާ ދުރުވެ ބޮޑު ބަންދުގައި އަމިއްލަ ރަށަށް ގޮސް ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. އެކަމަކު ނިއުމަތުﷲ އިދުރީސް އަށް ނޫސްވެރިކަމުގެ ވިސްނުމުން ދުރަކަށް ނުދެވުނެވެ. ޗުއްޓީގައި އުޅެމުން އޭނާ ދިޔައީ ފެތިފައި އޮތް ބޯޓެއްގެ ހަގީގަތް ހޯދާށެވެ. އަދި ރޭ އޭނާގެ އެ މަސައްކަތަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ވެސް ލިބުނީ އެވެ.


ނޫސްވެރިކަމުގައި ފީޗާ ލިއުމަކީ ވަރަށް ހާއްސަ ހުނަރެކެވެ. އެއީ އާންމު ޚަބަރުތަކާއި ރިޕޯޓްތަކާ މުޅިން ތަފާތު، އަދި ލިއުންތެރިކަމުގެ ހުނަރާއި ސިފަކޮށްދިނުމާއި އަސަރު ވަރަށް ބޮޑަށް ހިމަނައިގެން އުފައްދާ ލިއުންތަކެކެވެ. އެމްއެމްސީގެ އެވޯޑްގައި ފީޗާ ލިއުމުގެ ބައި ފުރަތަމަ ފަހަރަށް ހިމެނީ ވެސް އެ ރޮނގުން ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާށެވެ.

ރޭ އޮތް އެވޯޑް ހަފުލާގައި ނިއުމަތު އެ ހާއްސަ އެވޯޑް ހޯދީ އޭނާގެ އުފަން ރަށް ހއ. އުލިގަމަށް އާއިލާއާ އެކު ބޮޑު ޗުއްޓީއަށް ގޮސް އުޅެނިކޮށް ވިސްނުމަށް އައި މައުލޫއުގައި ލިއުނު "ފަރަށްއެރިތާ ގަރުނެއް، މި ބޯޓުގެ ހަގީގަތަކީ ކޮބާ؟" ގެ ފީޗާއިންނެވެ.

މިއީ ވަރަށް ތަފާތު އަދި ކޮށްފައިވާ މަސައްކަތަށް ބަލާއިރު ވެސް މޮޅު ލިއުމެކެވެ.

"ދުވަހަކު ވެސް އަހަންނެއް އެ ބޯޓު ކައިރިއަކަށް ކުރިއަކުން ނުދަން،" ނިއުމަތު ބުންޏެވެ.

"އެކަމަކު އެފަހަރު ހިތަށްއެރީ އަަދި އެއްވެސް ބަޔަކު ނުލިޔެ އޮތް އެއްޗެކޭ. އެހެން ހިތަށްއަރާފައި ދާން ނިންމީ."

އުލިގަމުން ލޯންޗެއްގައި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ ފަޅުރަށް، އިންނަފިނޮޅުގެ ފަަރަށް އަރާފައި އޮތް ބޯޓާ ބެހޭ ގޮތުން ނިއުމަތު ކުރީ، ރާއްޖޭގެ ނޫސްވެރިކަމުގައި ވަރަށް މަދުން ނޫނީ ލިއުންތެރިޔަކު ކޮށްފައިނުވާ ވަރުގެ މަސައްކަތެކެވެ. އޭނާ ވަނީ ކުރީގެ ބޯޓުފަހަރާ ބެހޭ މައުލޫމާތު ރައްކާކޮށްފައިވާ އިނގިރޭސި ވިލާތުގެ ވެބްސައިޓަކުން ހަތަރު ވަރަކަށް ލިއުން ގަނެގެން، ދިރާސާކޮށްފަ އެވެ. އެ މައުލޫމާތުތަކުން އޭނާގެ ލިއުމަށް ވަރަށް ބޮޑު މުއްސަނދިކަމެއް ގެނެސްދިނެވެ.

ފީޗާ ލިއުމުން ނިއުމަތަށް އެވޯޑް ލިބުނު އިރު އޭނާއާ ވާދަކުރީ ވެސް "މިހާރު"ގެ ދެ ލިއުންތެރިންނެވެ. އަލީ ނާފިޒުގެ "ސުމަކުން ބިލިއަނަކަށް: އެސްއޯއެފްގެ ފިތްްކަނޑައިގެންދާ ވަރުގެ މުއާމަލާތްތައް!" މިއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ބުރަ މަސައްކަތަކުން ތައްޔާރުކޮށްފައިވާ ވަރަށް މޮޅު ލިއުމެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މުއާމަލާތްތަކާ ބެހޭ ތަހުގީގީ ރިޕޯޓް ނާފިޒު ތައްޔާރުކުރީ އެތައް ދުވަހެއްގެ މަސައްކަތުން، އެތައް ވަގުތެއް ހޭދަކޮށްގެންނެވެ. އަދި މިއީ އުމުރުން އެންމެ އަހަރެއް ވީ "މިހާރު"ގައި މިހާތަނަށް ޖެހި އެންމެ ގިނަ ބަޔަކު ކިޔާފައިވާ އެއް ރިޕޯޓެވެ. މި ރިޕޯޓަށް 200 އަށް ވުރެ ގިނަ ކޮމެންޓްސް ލިބުނެވެ.

ފީޗާ ލިއުމުގެ ބައިން ދެން ވާދަކުރި އާސިއަތު މުހައްމަދު ސައީދުގެ "ފީނައިގެން ހުރިހާ އެއްޗެއް ހޯދި އަންހެން ޑައިވަރު" ރިޕޯޓަކީ ވެސް އޭގެ ޒާތުގައި ތަފާތު މައުލޫއެކެވެ. އަންހެން ޑައިވަރު ޒޫނާ ނަސީމުގެ ހަޔާތުގެ މައްޗަށް ލިއެފައިވާ މި ފީޗާ ރިޕޯޓް ވެގެންދިޔައީ ވަރަށް ގިނަ ކިއުންތެރިންގެ ހިތްދަމައިގަތް ލިއުމަކަށެވެ.

ރޭގެ އެވޯޑް ހަފުލާގައި "މިހާރު"ގެ ފަސް ލިއުންތެރިން އެވޯޑް ހާސިލްކުރި އެވެ. ނިއުމަތުގެ އިތުރުން އެވޯޑް ހޯދީ ނާފިޒު (ސިޔާސީ ދާއިރާ)، އާސިއަތު (އިޖުތިމާއީ ދާއިރާ)، އައްޒާމް އަލިފުޅު (ކުޅިވަރުގެ ދާއިރާ) އަދި މުއިއްޒު އިބްރާހިމް (ޝަރުއީ ދާއިރާ) އެވެ. ވާދަކޮށްގެން އެވޯޑް ދޭ އަށް ދާއިރާގެ ތެރެއިން ފަސް އެވޯޑް ލިބުމަކީ "މިހާރު"ގެ ޒުވާން ނޫސްވެރިންގެ މަސައްކަތް ރާއްޖޭގެ ނޫސްވެރިކަމުގެ މަތީ ފެންވަރުގައި ހިމެނޭކަން ދައްކައިދިން ކާމިޔާބީއެކެވެ.

ސިޔާސީ ދާއިރާ އިން ނާޒިފު އެވޯޑް ލިބިގަންނަނީ
ކުޅިވަރުގެ ދައިރާއިން އައްޒާމް ޖެހިޖެހިގެން ދެ ވަނަ ފަހަރު އެވޯޑް ކާމިޔާބުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަރުއީ ދާއިރާ އިން މުއިއްޒަށް އެވޯޑް ދެނީ: މިއީ މި އެވޯޑް އޭނާ ހޯދި ދެވަނަ ފަހަރު ފޮޓޯ: ނިޝާން އަލީ/ މިހާރު
މިވަގުތު އާސިއަތު ދިިރިއުޅެނީ ކެނެޑާގައި ކަމަށް ވާތީ އޭނާގެ ދައްތަ އައިމިނަތު މުހައްމަދު ސައީދު އެވޯޑާ ހަވާލުވަނީ

މީގެ ތެރެއިން މުއިއްޒު އާއި އައްޒާމް އެވަނީ އެ ލިއުންތެރިންގެ ދާއިރާ އިން ޖެހިޖެހިގެން ދެ ވަނަ އަހަރު އެވޯޑް ހާސިލްކޮށްފަ އެވެ. އަދި މިދިއަ އަހަރު އާސިއަތު ވަނީ ވިޔަފާރީގެ ދާއިރާ އިން އެމްއެމްސީ އެވޯޑް ކާމިޔާބުކޮށްފަ އެވެ.

ނިއުމަތާއި ނާފިޒަށް އެވޯޑް ލިބުނު ފުރަތަމަ ފަހަރަކީ މި އެވެ. އެކަމަކު މީގެ ކުރިން ބޭއްވި ދެ އެވޯޑް ހަފުލާގައި އެކި ދާއިރާތަކުން މި ދެ ލިއުންތެރިން ނޮމިނޭޓްވެފައިވެ އެވެ.