މިހާރު ބިރުން ތިއްބަސް، ރައްޔިތުން އަބަދަކު ބިރަކުން ނުތިބޭނެ: އަލީ ހުސައިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއިންސާފުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުން މިހާރު ތިބީ ކޮންމެވެސް ވަރަކަށް ބިރުން ކަމަށާއި އެކަމަކު ރައްޔިތުން އަބަދު ބިރަކުން ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީތަކުން ރޭ އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ "ރައްޔިތުން މި ތިބީ ކޮންމެސް ވަރަކަށް ބިރުގަނެ، ޖެހިލުންވެފައި" ކަމަށެވެ.

"މިހެންނަކުން އަބަދަކު ނުތިބޭނެ. ތަބައީ ގާނޫނަކީ، ފިތުރަތުގެ ގާނޫނަކީ ބަދަލުވުން. އެއް ގޮތަކުން، އެއް ހަރުފަތަކުން، އަނެއް ހަރުފަތަކަށް ބަދަލުވުން. ބިރާއި ރުޅިއާ. މީ ހަގީގަތުގައި އެއް ބަދަލު، އެއް ހަރުގަނޑެއްގަވާ ދެ ހަރުފަތްގަނޑު. ބިރުގަނެފައި އަޅުގަނޑުމެން ތިބޭނީ ވަކި ދުވަހެއް ވަންދެން،" އަލީ ވިދާޅުވި އެވެ. "އެހެން ނަމަވެސް އުއްމީދުގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް މި ބަދަލު ގެނެވޭނެކަން، އަޅުގަނޑުމެންނަށް ޔަގީންވާ ދުވަހުން، ނުވަތަ އަޅުގަނޑުމެންނަށް ޔަގީންވަމުންދާ މިންވަރަކުން އެ ބިރު ބަދަލުވެގެން ދާނީ ހަމަ ސީދާ ރުޅިވެރި ކަމަށް."

އޭނާ ވިދާޅުވި ގޮތުގައި ރުޅިވެރިކަމަކީ ޒާތީ ގޮތުން، ޒާތީ ތައައްސުބެއް އޮވެގެން އަނިޔާވެރިކަމަށްޓަކައި އަންނަ ރުޅިއެއް ނޫން ކަމަށެވެ.

"އެއީ މި ގައުމަށް އިންސާފު ހޯދައި ދިނުމަށްޓަކައި އަޅުގަނޑުމެން އަންނަން ޖެހޭ ރުޅި. އެ ރުޅި އަންނަން ޖެހެނީ މި ގައުމުގަ އިންސާފު ގާއިމުވެފައި ނެތީމަ. އެ ރުޅި އަންނަން ޖެހެނީ މި ގައުމުގަ އަނިޔާވެރިކަން އާންމުވެފައި އޮތީމަ،" އަލީ ވިދާޅުވި އެވެ.

ހިތަދޫގައި ރޭ ބޭއްވި އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން. --ފޮޓޯ: އެމްޑީޕީ

މަޖިލީހުގައި މިހާރު ކަން ހިނގަމުންދާ ގޮތާއި މަޖިލިސް މެމްބަރުންނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި. އަޅުގަނޑުމެން އެތާނގައި މަޑުކޮށްލައިގެން [ހިމޭނުން] މި ތިބީކީ އެތާ އެ ހުރި ފާރުމަތިން [މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައިވާ ހުރަސް] ނޭރިގަނެއް ނޫނޭ،" އަލީ ވިދާޅުވި އެވެ. "އަރަން ޖެހޭ ދުވަހު އޭގެ މަތިން އަޅުގަނޑުމެން ފުންމާލާނަން."

އޭނާ ވިދާޅުވި ގޮތުގައި އަނިޔާވެރިކަން ދައްކާ ބަޔަކާ ދެކޮޅަށް މަސައްކަތް ކުރާ އިރު، މާ ރީތިކޮށް މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ވެސް ނުފެނި ދާނެ ކަމަށެވެ.

"ރައްޔިތުންގެ ހައްގުގައި، ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަމެއް، ރައްޔިތުން ބޭނުންވާ އިންސާފުވެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާ،" އަލީ ވިދާޅުވި އެވެ. "ފުންމާފައި ނުފުންމާނެ ފާރެއް ނޯންނާނެ. އެކަން މި ކުރަނީ އަޅުގަނޑުމެންޓަކައެއް ނޫން."