މާލޭން ނުލިބޭ ސިއްހީ ފަރުވާ އައްޑޫ އާ ހޮސްޕިޓަލުން ލިބޭނެ: މުއިއްޒު

އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލް ނިންމައި ހިދުމަތް ދޭން ފަށާ އިރު، ވެރި ރަށް މާލޭން ނުލިބޭ ސިއްހީ ހިދުމަތް އައްޑޫން ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭންކޮށް ދެއްވުމަށް ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސް ޔާމީން އެ ހޮސްޕިޓަލް ހުޅުއްވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ކުރިއަށްދާ އިރު، މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް މީހުން ބޭސް ފަރުވާ ހޯދަން އަންނަ ފެންވަރުގެ ތަނަކަށް ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް.

"އަޅުގަނޑު އެކަމުގެ އަމަލީ މަސައްކަތުގައި އުޅޭ މީހަކަށް ވާތީ މި ދަންނަވަނީ، އެ ހޮސްޕިޓަލް އިން މާލެއިން ނުލިބޭ ހިދުމަތްތަކެއް ލިބޭނެ. އޭރުން މާލެއިން މީހުން ބޭސްފަރުވާއަށް އައްޑޫއަށް އަންނާނެ." މިނިސްޓަރ ވިދާޅުވި އެވެ.

އައްޑޫ އާ ހޮސްޕިޓަލް ތަރައްގީ ކުރަނީ މަތީ ފެންވަރުގެ ސިއްހީ ގުނަ ހިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގަ އެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓަރު މިއަދު ވެސް ވަނީ ސައިޓަށް ވަޑައިގެން ބައްލަވައިފަ އެވެ.