"ހަވީރު" މުވައްޒަފުންނަށް ކުރި ހުކުމަކީ ބައެއްގެ ހައްގުތަކަށް ފާޅުގައި އަރައިގަތުން: އެމްޑީޕީ

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމަކީ ބައެއްގެ ހައްގުތަކަށް ފާޅުގައި އަރައިގަތުން ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.


އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ މީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ގާނޫނުން ދީފައިވާއިރު، ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އާއި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނޭ ކަންކަމުގެ މައްޗަށް ކޯޓުން އަމިއްލަ އަށް ގޮތް ނިންމުމަކީ އަދުލު އިންސާފަށް ކުރި ވަރަށް ބޮޑު ފުރައްސާރައެއް ކަމަށެވެ. އަދި އެ ހުކުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ހުކުމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"އެއީ ނޫސްވެރިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެނޫން ވެސް ރައްޔިތުންގެ ހައްގުތައް މި ރާއްޖޭގެ ކޯޓުތަކުން ނުނެގެހެއްޓޭކަމާއި ގާނޫނުއަސާސީގައި ރައްޔިތުންނަށް ހައްގުވާ އިންސާފުކަމަށް ބަޔާންކުރާ އިންސާފު ނުލިބޭކަން ހާމަވާކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ނޫސްވެރިންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ކޯޓު ހުކުމްތައް އާއްމުވެފައިވާ ކަމަށެވެ. މި ދަރަޖަ އަށް ރާއްޖޭގެ ޝަރުއީ ނިޒާމު ގެނބިގެން ގޮސްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަމަށް ތަރުހީބުދޭތީ އާއި ޝަރުއީ ނިޒާމް މިނިވަންކޮށް އިސްލާހުކުރަން ސަރުކާރު ހުރަހަކަށްވެފައިވާތީ ކަމަށް އެމްޑީޕީން ބުންޏެވެ.

"ހަވީރު"ގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރާ "މިހާރު" ނޫސް މީހަކު ކިޔަނީ: ސިވިލް ކޯޓު ހުކުމުން ވަނީ ކުރިއަށް އޮތް ދެ އަހަރު ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށްފައި.

ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ ރައްޔިތަކުމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

ނަމަވެސް ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ރޭ "މިހާރު" އަށް ވިދާޅުވީ، "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުތައް ހުރި ގޮތުން އެޅޭނެ އަދި އެޅިދާނެ ފިޔަވަޅެއް ނެތް ކަމަށެވެ.